ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް ފުލުހުންނަށް ހާއްސަކޮށްގެން ދީނީ ދަރުހެއް ބާއްވައިފި އެވެ.
މިއީ ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށާއި ބަރަކާތްތެރި ރަމަޟާން މަހަށް މަރުހަބާ ކިޔުމުގެ ގޮތުން ބޭއްވި ދަރުހެކެވެ.
އިސްކަންދަރު ބިލްޑިންގުގައި މިއަދު ދަރުސް ބޭއްވި އިސްލާމިކް މިނިސްޓްރީއާ ގުޅިގެންނެވެ.
އެ ދަރުހުގައި ޕޮލިސް ކޮމިޝަނަރު ޢަލީ ޝުޖާއު އާއި ޑެޕިއުޓީ ކޮމިޝަނަރު އިސްމާއީލް ނަވީން އާއި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މޫސާ އަންވަރު ހަސަނާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންގެ އިތުރުން އެހެނިހެން ފުލުހުންނާއި އާންމު މުވައްޒަފުން ބައިވެރިވި އެވެ.
ދަރުސް ދެއްވީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝައިޚް މުޙައްމަދު އިމްތިޠާއު އައްބާސްއެވެ.
"ބަރަކާތްތެރި ރަމަޟާންމަހަށް ތައްޔާރުވުން" ނަމުގައި ކުރިއަށް ގެންދިޔަ ދަރުހިގައި، ރަމަޟާންމަހުގެ މާތްކަމާއި މި މަހުގެ ޡަވާބާއި ދަރުމަ ހޯދުމަށް މަސައްކަތްކުރުމަށް މައުލޫމާތުދެއްވި އެވެ. އަދި އިސްލާމީ ތާރީހުގެ ހާދިސާތަކަށް އަލިއަޅުއްވައި މައުލޫމާތު ހިއްސާކުރެއްވި އެވެ.