Last Updated: April 11, 11:14
Friday, April 11, 2025
ޚަބަރު

ގެމަނަފުށީ އައު އައިސްޕްލާންޓް ހުޅުވައިފި

ގެމަނަފުށީގައި ގާއިމުކުރި އައު އައިސް ޕުލާންޓު، ހުޅުވައިފި އެވެ.

ގެމަނަފުށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މި އައިސް ޕުލާންޓު ހުޅުވައިދެއްވީ ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޝިޔާމް ވިދާޅުވީ މަސްވެރި މޫސުމުގައި މަސްވެރިންނަށް އައިސް ލިބުމުގައި ހުރި ދަތިތަކަކީ އަދިވެސް މަސްވެރިންނަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި އެކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށާއި މި ސަރުކާރުން އިތުރު 13 އައިސް ޕުލާންޓެއް އެޅުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

މި ސަރުކާރުގެ އަމާޒަކީ މަސްވެރިންނަށް ވީހާވެސް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުންކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ މިއަދު ހުޅުވުނު އައިސް ޕުލާންޓުން ދެކުނުގައި މަސްވެރިކަން ކުރާ މަސްވެރިން އައިސް ހޯދުމަށް ކުރަންޖެހޭ މަސައްކަތަށް ލުއި ލިބިގެން ދާނެކަމަށާއި އައިސް ހޯދަން އެކި ރަށްރަށަށް ދުއްވަންޖެހުން މަދުވެގެން ދިއުމާއި ތެލަށްކުރާ ހޭދަ މަދުވެގެން ދާނެ ކަމަށެވެ. އެއާއެކު މަސްވެރިންގެ އާމްދަނީ ރަނގަޅު ވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ގެމަނަފުށީ އަލަށް ގާއިމުކުރި މި ޕުލާންޓު އަޅާފައިވަނީ އިންޑިއަން އެކްސިމް ބޭންކް ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ފެސިލިޓީގެ ދަށުންނެވެ. މިއީ ދުވާލަކު 50 ޓަނު ބްލޮކް އައިސް އުފެއްދޭ ޕްލާންޓެކެވެ. އަދި މި ޕުލާންޓުގައި 100 ޓަނުގެ އައިސް ރައްކާކުރާ ސްޓޯރޭޖެއް ހުރެ އެވެ. މި ޕުލާންޓުގައި ކޮންމެ 24 ގަޑިއިރަކުން 150 ޓަނުގެ އައިސް މަސްވެރިންނަށް ފޯރުކޮށްދިނުމުގެ ގާބިލުކަން ހުންނާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.