އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލްކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
އެސްޓީއޯ ހިންގާ ގަވައިދު ގައި ބަޔާންކޮށްފައިވާ ގޮތުން އަދި ކުންފުނީގެ ހިއްސާ ބެހިފައިވާ ނިސްބަތަށް ބަލާ އިރު، ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރަކު އަދި ސަރުކާރު ނުވަތަ މައި ހިއްސާދާރުންގެ ފަރާތުން ހަ ޑިރެކްޓަރުން އިންތިހާބްކުރެވެ އެވެ.
އެ މަގާމަށް ކުރިމަތިލެވޭނީ އެސްޓީއޯގެ ހިއްސާ އޮންނަ، އުމުރުން 30 އަހަރު ވެފައިވާ ދިވެއްސަކަށެވެ.
ވިޔަފާރި އާއި ހިންގުމުގެ ދާއިރާ އިން އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ހިއްސާދާރުން އެ މަގާމަށް ކުރިމަތިލުމަށް އެ ކުންފުނިން އެދެ އެވެ. އަދި ކުރިއެކޢ އެެއްގޮތަށް މި ފަހަރު ވެސް ވީހާ ވެސް ގިނަ އަންހެންނުން ބޯޑުގެ މެމްބަރުކަމަށް ޝައުގުވެރިކަން ފާޅުކޮށް، އިންތިހާބުގައި ވާދަކުރުމަށް ވެސް އެސްޓީއޯ އިން އެދިފައިވެ އެވެ.
ޑިރެކްޓަރަކަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމް ހުށަހެޅުމުގެ ސުންގަޑިއަޖީ މި މަހުގެ 21 އެވެ. ފޯމު ހުށަހަޅަން ޖެހޭނީ އެސްޓީއޯގެ ސެކްރެޓޭރިއޭޓަށް އެޑްރެސްކޮށް cs@sto.mv އީމެއިލް ނުވަތަ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.
އެސްޓީއޯ ބޯޑުގެ ޑިރެކްޓަރުކަމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވޭލުއޭޓްކޮށް، އެ ފަރާތްތަކާއެކު އިންޓަވިއު ކުރުމަށް ފަހު، ކޮމިޓީން ތައްޔާރުކުރާ ރިޕޯޓް ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅައި، ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ ގޮތެއްގެމަތީން ޑިރެކްޓަރުކަމަށް ކުރިމަތިލާފައިވާ ފަރާތްތަކާބެހޭ މައުލޫމާތު ހިއްސާދާރުންނަށް ފޯރުކޮށް ދޭނެ އެވެ.
އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރު ހޮވުމަށް ހަމަޖެހިފައިވަނީ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.