މާލޭގެ ރަސްމީ ދިމާލުން ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރާނީ ފަޅުން ބައެއް ޝީޓް ޕައިލްކޮށްގެން ކޮޅަކަށް ދެ ލޭނު ހިމެނޭ ގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
މަރާމާތުތަކަށް ފަހު ރަސްމީ ފާލަން ނުވަތަ އިއްޒުއްދީން ފާލަން ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި
ރައީސް ވިދާޅުވީ އެ ފާލަން ސަރަހައްދުން ބޮޑުތަކުރުފާނު މަގު، އެމްޓީސީސީ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް ތާރު އަޅައިގެން ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ އެ މަސައްކަތް ކުރިޔަށް ދާނީ މަގު ފުޅާ ކުރުމަށްޓަކައި ފަޅުން ބައެއް ޝީޓްޕައިލްކޮށްގެން، ހަތަރު ލޭނު އޮންނަ ގޮތަށް ކަމަށެވެ.
ރައީސް ވިދާޅުވީ އެ މަސައްކަތް ކުރާނީ އެމްޓީސީސީން ކަމަށާއި މި އަހަރު ނިމެންވާއިރަށް މަގު ތަރައްގީކޮށް ނިންމައި، ހުޅުވާނެ ކަމަށެވެ.
"މި މަގު ކޮޅަކަށް ދެ ލޭނު އޮންނަ ގޮތަށް މޫދުން ވެސް ބައެއް ނަގައި ޝީޓްޕައިލް ކުރެވި، މަގު ފުޅާކުރެވި، އަޑީގައި ހުންނަންޖެހޭ ހުރިހާ ނިޒާމުތަކެއް ހިމެނޭ ގޮތަށް ތަރައްގީ ކުރެވި، ތާރު އެޅި، ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ރަމަޟާން މަސް ނިމޭ ތަނުން ފެށި، އިރާދަކުރެއްވިއްޔާ މި އަހަރު ނިމެންވާއިރަށް ނިންމައި ހުޅުވާނަން." ރައީސް ވިދާޅުވި އެވެ.