ބޮލީވުޑްގެ އެންމެ ކާމިޔާބު ޕްރޮޑިއުސަރުންގެ ތެރޭގައި ހިމެނޭ ސާޖިދު ނަދިއަދުވާލާގެ ދަރިފުޅު ސުބަން ނަދިއަދުވާލާ ބޮލީވުޑަށް ލޯންޗްކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ދަރިފުޅު ބޮލީވުޑަށް ނެރޭ ފިލްމޔ ސާޖިދުގެ އާއިލީ ފިލްމު ކުންފުނި، ނަދިއަދުވާލާ އެންޓަޓައިންމަންޓުން ޕްރޮޑިއުސްކުރާ އިރު، ފިލްމު ޑައިރެކްޓް ކުރާނީ ޝިޝާންކް ކައިތާން ކަމަށެވެ. އޭނަ އަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ "ހަމްޓީ ޝަރުމާ ކީ ދުލްހަނިއާ" އާއި "ބަދުރީނާތު ކީ ދުލްހަނިޔާ" ގެ އިތުރުން "ދަޅަކް" ގެ ޑައިރެކްޓަރެވެ.
ޝިޝާންކް މިހާރު އަންނަނީ ދަރުމާގެ "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރު" ގެ މަސައްކަތް ކުރަމުންނެވެ.
ޕިންކްވިލާ އިން ބުނީ ސުބަން ބޮލީވުޑަށް ނެރޭނީ ރޮމާންޓިކް ކޮމެޑީއަކުން ކަމަށާއި ފިލްމުގެ ޝޫޓިން މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ފަށާނެ ކަމަށެވެ. އަދި ފިލްމަށް މިހާރު ބަތަލާ އަކު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.
ބައެއް މީޑިއާތަކުން ބުނީ ސުބަން ތައާރަފުކުރަން ހަމަޖެހިފައިވާ ފިލްމަކީ "ބާހްބަލީ" އާއި "އާރްއާރްއާރް" ފަދަ ފިލްމުތައް ގެނެސްދިން އެސްއެސް ރާޖަމޯލީގެ 2009 ގެ "މަގަދީރާ" ގެ ރިމޭކެއް ކަމަށެވެ.
ސުބަން އަކީ ސާޖިދާއި އަންހެނުން ވަރުދާ ޚާންގެ ދެ ފިރިހެން ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. ސާޖިދުގެ ފުރަތަމަ އަންހެނުންނަކީ 1993 ގައި މަރުވި މަޝްހޫރު ބަތަލާ ދިވްޔާ ބާރްތީ އެވެ.
މިހާނަށް އެތައް ފިލްމެއް ޕްރޮޑިއުސްކޮށްފައިވާ ސާޖިދުގެ ކުރިއަށް އޮތް ފިލްމަކީ ސަލްމާން ޚާނާ އެކު ކުރިއަށް އޮތް ފިތުރު އީދުގައި ގެނެސްދޭން ހަމަޖެހިފައިވާ "ސިކަންދަރު" އެވެ.
ސާޖިދަކީ ވަރަށް ގިނަ ތަރިން ބޮލީވުޑަށް ނެރެފައިވާ ޕްރޮޑިއުސަރެކެވެ. އޭގެ ތެރޭގައި ޓައިގާ ޝްރޮފާއި ކްރިތީ ސެނަން އާއި ސުނިލް ޝެޓީގެ ދަރިފުޅު އަހާން ޝެޓީ ފަދަ ތަރިން ހިމެނެ އެވެ.