Last Updated: April 11, 11:14
Friday, April 11, 2025
ޚަބަރު

ކެފޭ/ރެސްޓޯރަންޓް މެނޫ އިޝްތިހާރުކުރުން މަނައެއް ނޫން

ކާބޯތަކެތީގެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤާނޫނުގެ ދަށުން ކެފޭ ރެސްޓޯރަންޓް ތަކުން ވިއްކާ ކާބޯތަކެތި ނުވަތަ އޭގެ މެނޫ ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރުން ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ކާބޯތަކެތި އިޝްތިހާރުކުރުމުގެ ގަވާޢިދުން މަނާ ނުވާނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފި އެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަ ދައްކަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިސްމާއީލް ޒާހިރު ވިދާޅުވީ ކެފޭއެއްގެ ނުވަތަ ރެސްޓޯރަންޓްގައި ވިއްކާ ތަކެތި އިންސްޓަގްރާމް ގައި އިޝްތިހާރު ކުރުން އެއްވެސް ގޮތަކަށް މި ޤަވާޢިދުގެ ތަރަހައިގައި ނުހިމެނޭ ކަމަށެވެ. އެއީ އެތަނަކުން ދޭ ޚިދުމަތެއް ގޮތަށް ކުރާ އިޝްތިހާރެއް ކަމަށް ޒާހިރު ވިދާޅުވި އެވެ.

މެނޫ، ނުވަތަ އެތަނުން ފޯރުކޮށްދޭ ކާއެއްޗެއްގެ ފޮޓޯ ތަކެތި އިޝްތިހާރު ނުކުރެވޭނެ ކަމަށް ބައެއް ފަރާތްތަކުން އޮޅުން އަރާ އެ ސުވާލު އުފައްދަމުން ދާ ކަމަށް އޭނާ ވިދާޅުވި އެވެ. ޒާހިރު ވިދާޅުވީ ކެފޭ ރެސްޓޯރަންޓް ތަކުގެ ފާރުގައި ހިއްޕާފައިވާ ނުވަތަ އެހެން ތަނެއްގައި ހަރުކޮށްފައިވާ ފޮޓޯތައްވެސް އިޝްތިހާރުގެ ގޮތުގައި އެ ޤަވާއިދުގެ ދަށުން މަނާ ނުވާނެ ކަމަށެވެ.

ކާބޯތަކެތި އިޝްތިހާރު ކުރުމަށް ފުރިހަމަވާން ޖެހޭ ވަކި ޝަރުތުތަކެއް އަދި އިޝްތިހާރު ނުކުރެވޭނެ ކަންކަން ގަވާޢިދުގައި ވަނީ ހިމަނާފަ އެވެ.

ކާބޯތަކެތި އިޝްތިހާރުކުރުމާއި ބެހޭ ގޮތުން އާއްމުކުރި ޤަވާޢިދުގައި ވާގޮތުން، ޤާނޫނާއި ޤަވާއިދާ ޚިލާފަށް ކާބޯތަކެތި އިޝްތިހާރުކޮށްފިނަމަ އެ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ބޮޑު ޖުރިމަނާއެއް ކުރެވޭނެ އެވެ.

އެގޮތުން ފުރަތަމަ ފަހަރު ކުށްކުރި ނަމަ، 10,000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކަނޑައަޅާފައިވާއިރު ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ، 100,000 ރުފިޔާއިން ޖޫރިމަނާކުރުން، ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ، 300,000 ރުފިޔާއިން ޖޫރިމަނާކުރުން، އަދި ތިންވަނަ ފަހަރަށް އެކަން ތަކުރާރުކުރާ ކޮންމެ ފަހަރަކު، 500,000 ރުފިޔާއިން ޖޫރިމަނާކުރުމަށް ވަނީ ކަނޑައަޅާފަ އެވެ.