Last Updated: April 20, 06:46
Sunday, April 20, 2025
ޚަބަރު

ފިޝަރީޒް ކޮލެޖްގެ ކެމްޕަހެއް ކޮލަމާފުއްޓަށް

ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) އިން މިދިޔަ އަހަރުގެ ތެރޭގައި ގާއިމުކުރި ފިޝަރީޒް ކޮލެޖުގެ އައުޓްރީޗް ސެންޓަރެއް ގއ. ކޮލަމާފުށީހައި ހަދަން ނިންމައިފި އެވެ.

އެކަމަށް ހާއްސަކޮށްގެން މިހާރު އެ ރަށުން ވަނީ 15،000 އަކަފޫޓް ބިމެއް ވެސް ހަމަޖައްސައިފަ އެވެ.

މި މަހުގެ 25 ގައި ބިން ހަވާލުލުރުމުގެ އެއްބަސްވުމުގައި ކޮލަމާފުށީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ރައީސް އިބްރާހީމް ވަޙީދެވެ. ޔުނިވަސިޓީ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. ޢާއިޝަތު ޝެހެނާޒް އާދަމެވެ.

ޔުނިވަސިޓީން ބުނީ ކޮލަމާފުށީގައި ހަދާ ފިޝަރީޒް ކޮލެޖްގެ ކެމްޕަހުގެ ސަބަބުން ދިރާސާތައް ކުރެވި ދަރިވަރުންނަށް ޢަމަލީ ތަޖުރިބާ ލިބި، އަދި ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްތަކެއް ކުރެވިގެން ދާނެ ކަމަށެވެ. އަދި މި މަޝްރޫއެގެ ސަބަބުން އިގުތިސާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުންނާއި ތިމާވެށީގެ ގޮތުން ވެސް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް ބުންޏެވެ.

ޔުނިވަސިޓީން ބުނީ ޖުމްލަކޮށް މުޅި ހުވަދު އަތޮޅަށް ވެސް ފިޝަރީޒް ކޮލެޖް ކޮލަމާފުށީ ކެމްޕަހުގެ ސަބަބުން ފައިދާތައް ކުރާނެ ކަމަށެވެ.

ފިޝަރީޒް ކޮލެޖަކީ ތައުލީމީ މީހުން މަސްވެރިކަމުގެ ދާއިރާ އަށް ނެރެން ހާއްސަކޮށް ފިޝަރީޒް މިނިސްޓްރީ އާއި އެމްއެންޔޫ ގުޅިގެން ގާއިމުކުރި ތަނެކެވެ. އެ ކޮލެޖް ގާއިމު ކުރަން އެ ދެ ފަރާތުން ސޮއިކުރީ ޑިސެމްބަރު 23، 2023 ގަ އެވެ.

ފިޝަރީޒް ކޮލެޖުން ފޯރުކޮށްދޭ ތަޢުލީމު ވާނީ ރާއްޖޭގެ މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކުގެ ނަފާ އެންމެ ފުރިހަމަ އަށް ހޯދުމަށް މަގުފަހިކޮށްދޭ ޢިލްމަށް ކަމަށް ކަމަށް އެތަނުން ބުނެފައިވެ އެވެ. އެގޮތުން މެރިން ބައޮލޮޖީ، އޯޝަނޮގުރަފީ، މެރިން ސްޕޭޝަލް ޕްލޭނިން، މެރިން އިކޯސިސްޓަމް އެސެސްމަންޓް އެންޑް މެނޭޖްމަންޓް އަދި ފިޝަރީޒް މެނޭޖްމަންޓް ފަދަ ކޯސްތައް ހިންގާނެ އެވެ.

އެތަނުގެ ކޯސްތަކަށް ހުޅުވައިލީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.