ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން ކުޅުދުއްފުށީގައި ހައުސިން މަޝްރޫއެއް ހިންގަން ސިޓީ ކައުންސިލުން ނިންމައިފި އެވެ.
މިކަން ފާސްކުރީ މިދިޔަ ބުދަ ދުވަހު އެވެ.
އެ ދުވަހު ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި ކޮންޓެކްޓާ ފައިނޭންސް އުސޫލުން 150 ޔުނިޓްގެ ރިއަލް އެސްޓޭޓް މަޝްރޫއެއް ކުރިއަށްގެންދިޔުމަށް ފާސްވީ ޖަލްސާގައި ބައިވެރިވެވަޑައިގަތް ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ.
މޭޔަރު މުހައްމަދު އާތިފު ވިދާޅުވީ ކުޅުދުއްފުއްޓަކީ ވަރަށް ބޮޑަށް ތަރައްގީވަމުން އަންނަ ސިޓީއަކަށްވާ އިރު، އެތަނަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލަ އަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ.
އެހެންވެ ކައުންސިލުން ކުރިއަށް ގެންދަން ފާސްކުރި ރިއަލް އެސްޓޭޓް މަޝްރޫއަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) އަށް ހުޅުވާލުމުގެ ކުރިން ލޯކަލް ހަވަރަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ހުއްދަ ނަގަން ޖެހޭތީ ކަމަށާއި އެކަމަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ވެސް މިހާރު ތައްޔާރުކޮށްފައިވާ ކަމަށް އާތިފު ވިދާޅުވި އެވެ.
އޭނަ ވިދާޅުވި ގޮތުގައި ކައުންސިލުން ކުޅުދުއްފުށީގައި ހައުންސިން މަޝްރޫއު ހިންގާނީ މޮޑެލްއަކީ ހުޅުމާލޭގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށްގެންދާ ރިއަލް އެސްޓޭޓް މަޝްރޫއުތައް މޮޑެލްއަކަށް ބަލައިގެން ކަމަށެވެ.
މީގެ ކުރިން އައްޑޫ ސިޓީ ކައުންސިލުން ހައުސިން މަޝްރޫއުތަކެއް ހިންގަން ބޭރުގެ ބައެއް ފަރާތްތަކާ އެކު އެއްބަސްވުމެއް ވެސް ހެދި އެވެ. އެގޮތުން 1000-2000 އާއި ދެމެދުގެ ސޯޝަލް ހައުސިންގް ޔުނިޓް އެޅުމަށް ކައުންސިލާއި ޗައިނާގެ ބީޔޫސީއެންޖީ ކުންފުންޏާއި ދެމެދުވެވުނު ފްރޭމްވޯކް އެގްރީމަންޓްގައި ސޮއިކޮށް،، އައްޑޫގައި ރެސިޑެންޝަލް ހައުސިންގް ޔުނިޓް އެޅުމަށް ކައުންސިލާއި ތުރުކީގެ ވިޒްޔޮން ވިލާ ކުންފުންޏާ ދެމެދު ޖެނުއަރީ 13، 2022 ގައި ސޮއިކުރި އެވެ.
އެކަމަކު އެއިން އެއްވެސް މަޝްރޫއެއްގައި މިހާތަނަށް އަމަލީ ސިފަ ޖެހިފައެެއް ނުވެ އެވެ.