Last Updated: April 11, 11:14
Friday, April 11, 2025
ރިޕޯޓް

ރޯދަވެރިޔާގެ އަބަދުތަކަކީ ކޮބާ؟

* އިޚްލާޞްތެރި ތައުބާވުމަކުން ތައުބާވެ، ސަލާމަތްތެރި ހިތަކާއިގެން ރަމަޟާން މަހަށް އިސްތިޤްބާލު ކުރުން

ކޮންމެ އަޅުކަމުގެ މޫސުމަކާ ވެސް ބައްދަލު ކުރަން ވާނީ ފާފައިގެ ދަމިލައިން ނަފްސުތައް ތޯހިރުކޮށްގެންނެވެ. އަދި ހަމައެއާ އެކީ ރުޅިވެރިކަމާއި، ޢަދާވާތްތެރިކަމާއި، ޙަސަދަވެރިކަމާއި، ބަދަލުހިފުމުގެ ރޫޙުން ހިތްތައް ވެސް ތޯހިރުކޮށްގެންނެވެ. ތައުބާވުމާއި އެކީ މީސްތަކުންނަށް މާފުކޮށް ޢަފޫކުރުމަކީ ރޯދަވެރިޔާ ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެކެވެ.

* ރަމަޟާން މަހުގެ ރޯދައަކީ އިސްލާމްކަމުގެ ހަތަރުވަނަ ރުކުންކަމުގައި ދަނެގަތުން

މާތްވެގެންވާ އިސްލާމްދީނުގެ މުހިންމު ރުކުނަކަށް ރަމަޟާން މަހުގެ ރޯދަ ވީހިނދު، އިސްލާމްދީނުގެ އެހެނިހެން ރުކުންތަކެކޭ އެއްފަދައިން މިރުކުން ވެސް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ރޯދަވެރިޔާ ޚާއްސަ ސަމާލު ކަމެއް ދޭން ވާނެ އެވެ. ރޯދައިގެ ފަރުޟިއްޔަތަށް އިންކާރުކޮށްފި މީހަކީ ދީނުން ބޭރު ވާނެ މީހެކެވެ. ރޯދައިގެ ފަރުޟިއްޔަތު ޤަބޫލުކުރާ ޙާލު ރޯދަ ނުހިފުމަކީ ބޮޑުވެގެންވާ ފާފައެކެވެ.

* އިސްލާމްކަމާއި، ބާލިޣުވުމާއި، ބުއްދި ސަލާމަތުންހުރުމާއި، ކުޅަދާނަކަން ލިބިގެންވުމާއި، މުޤީމަކުކަމުގައިވުމަކީ ރޯދާ ވާޖިބުވުމުގެ ޝަރުތުތައްކަން ދަނެގަތުން

* ރޯދަ ހިފުމުގައި ﷲ ތަޢާލާއަށް އިޚްލާޞްތެރިވުން

އެބަހީ ހަމައެކަނި ﷲ ގެ ވަޖުހުފުޅު އަދައިގެން، ދެއްކުންތެރިކަމެއް، މީހުންގެ ޘަނާއާއި މަދަޙަ ލިބުމުގެ އެދުމެއްނެތި، ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުން ޘަވާބާއި ދަރުމައަށް އެދިގެން ރޯދައަށް ހުރުމެވެ.

* ރޯދައަށް ހުރުމުގައި ތަޤުވާގެ ފޭރާމުން ޒީނަތްތެރިވުން

ﷲ ތަޢާލާ ރޯދަ ފަރުޟުކުރެއްވި މަޤްސަދަކީވެސް ރޯދައިން ތަޤްވާވެރިކަން ހާސިލުކޮށްގަތުމެވެ. އެހެންކަމުން ރޯދައަށް ހުރުމުގައި ތަޤްވާވެރިކަން ޙާސިލުވާނެފަދަ ޞާލިޙު ޢަމަލުތައް އިތުރުކުރުމަށް ސަމާލުކަންދޭންވާނެއެވެ.

* ރޯދައަށް ހުރުމަށް ޚާއްސަ ވަގުތެއް ކަނޑައެޅިފައިވާކަން ދަނެގަތުން

އެއީ ފަޖުރުއްޞާދިގުގެ އަލިކަން ފާޅުވުމާއި ހަމައިންފެށިގެން އިރުއޮއްސުމާއި ހަމައަށެވެ.

* ރޯދަ ގެއްލޭ އެންމެހައި ކަންތައްތަކުން ދުރުހެލިވެހުރުން

ރޯދަވެރިޔާ ރޯދައަށް ހުންނަ ހުރުމުގައި ހުންނަންޖެހޭނީ ކެއުން ބުއިމުންނާއި އެނޫންވެސް ރޯދަގެއްލޭ އެންމެހައި ކަމަކުން ދުރުހެލިވެގެންނެވެ.

ރޯދަވެރިޔާ ބަނޑަށް ރައްކާތެރިވާ ފަދައިން ދުލާއި އަތްފައިގެ ގުނަވަންތަކަށްވެސް ރައްކާތެރިވުން.
މިގޮތުން ދުލާއި ލޮލާއި ކަންފަތާއި އަތްފައިގެ ގުނަވަންތައްވެސް ރޯދަވެރިޔާގެ ރޯދައިގައި ބައިވެރިކުރަންޖެހޭނެއެވެ. އެހެންނުވެއްޖެނަމަ ރޯދައިން ޙާސިލުވާނީ ހަމައެކަނި ބަނޑުހައިހޫނުކަމެކެވެ.

* ރަމަޟާން މަހުގެ ފަރުޟު ރޯދަ ހިފުމަށް ނިޔަތް ގަތުން

ނިޔަތާއިނުލައި އެއްވެސް އަޅުކަމެއް ސައްޙައެއް ނުވާނެއެވެ. ފަޖުރުއްޞާދިގުގެ އަލިކަން ފާޅުވުމުގެ ކުރިން ރޯދަވެރިޔާ ރަމަޟާންމަހުގެ ރޯދަހިފުމަށް ނިޔަތްގަންނަން ޖެހޭނެއެވެ. (ނޯޓް: ނިޔަތަކީ ހިތުގެ ޢަމަލެކެވެ. އަދާކުރަން އުޅޭ އަޅުކަމެއް ހިތްމައްޗަށް ގެނެސްގަތުމުން ނިޔަތްގަނެވުނީއެވެ. ދުލުން ނިޔަތް ގަތުމަކީ ޘާބިތުވާކަމެއް ނޫނެވެ).

* ހާރުކައިގެން ރޯދަ ހިފުމާއި، ހާރުކެއުން ފަސްކުރުން

ހާރުގެ ވަގުތުގައި ކާކެއުމަކީ މާތް ﷲ ބަރަކާތްލައްވާނެ ކެއުމެކެވެ. ހާރުކެއުން ވީހާވެސް ބޮޑަކަށް ފަސްކުރުން ސުންނަތްކަން ގަދަވެގެންވެއެވެ.

* ރޯދަ ވީއްލުން އަވަސްކުރުން

އިރުއޮއްސިއްޖެކަން އިޢުލާންވުމާއި އެކީ ލަސްނުކޮށް ރޯދަ ޥީއްލުން ހެޔޮކަން ބޮޑުވެގެންވެއެވެ.

* ރޯދަވީއްލާހިނދު ކިޔުމަށް ވާރިދުވެފައިވާ ދުޢާކިޔުން

[ذَهَبَ الظَّمَأُ، وابْتَلَّتِ العُرُوقُ، وثَبَتَ الأَجْرُ، إِنْ شَاءَ اللَّه]

* ކަދުރުކޮޅަކުން ރޯދަ ވީއްލުން

ސުންނަތްވެގެން ވަނީ ރުޠަބު ކަދުރުން ރޯދަ ވީއްލުމެވެ. ރުޠަބު ކަދުރު ނުލިބިއްޖެނަމަ އާދައިގެ ކަދުރުންނެވެ. ކަދުރުކޮޅެއް ނުލިބިއްޖެނަމަ ފެނުންނެވެ.

* ރޭއަޅުކަން ކުރުން

ރޯދަވެރިޔާ ރަމަޟާންމަހުގައި ރޭއަޅުކަންކުރުމަށް ޚާއްސަ ސަމާލުކަމެއްދޭންވާނެއެވެ. އޭގެ ސަބަބުން އިސްވެގޮސްފައިވާ ފާފަތައް ފޮހެވިގެންދާނެއެވެ.

* ރޯދަވެރިޔާ ރޯދައަށް ހުންނަހިނދު ދުޢާކުރުން ގިނަކުރުން

ރޯދަވެރިޔާގެ ދުޢާއަކީ އިޖާބަވުން ގާތްވެގެންވާ ދުޢާއެކެވެ. އަދި ވަކިން ޚާއްސަކޮށް ރޯދަ ވީއްލަން ގާތްވެފައިވާ ވަގުތުކޮޅަކީ ޚާއްސަވަގުތުކޮޅެކެވެ.

ރޯދަވެރިޔާއާއި މީހަކު ހަޑިހުތުރު ބަހުން މުޚާތަބުކޮށް ޒުވާބުކުރަން ޤަސްދުކޮށްފިނަމަ އަހުރެން މިހުރީ ރޯދަޔަށޭ ބުނުން.
ޒުވާބުކުރުމާއި ބޭއަދީ ބަސްތައް ބޭނުންކުރުމާއި މާރާމާރީ ހިންގުންފަދަ ކަންކަމަކީ މަތިވެރި އަޅުކަމެއްގެ މަތީގައި ހުންނަ ރޯދަވެރިއެއްގެ ސުލޫކުން ފެނިގެންވާނެކަމެއް ނޫނެވެ.

* ރޯދަވެރިއެއްގެ ރޯދަ ވީއްލައި ދިނުމަށް މަގުފަހިކޮށް ދެވޭތޯ ބެލުން

ރޯދަވެރިއަކަށް ރޯދަވީއްލުމަށް އެއްޗެއް ދިނުމަކީ އެރޯދަވެރިޔާއަށް ލިބޭ ޘަވާބުން އުނިވުމެއްނެތި އެމިންވަރުގެ ޘަވާބު އެމީހަކަށް ލިބޭނެ މާތް ކަމެކެވެ.

* ދީލަތިވުން

ރަމަޟާންމަހުގައި މާތް ނަބިއްޔާ ﷺ ގެ ދީލަތިކަން ބާރު ވައިރޯޅިއަކަށްވުރެ އިތުރުވެގެންވާކަމަށް ރިވާވެގެންވެއެވެ.

* އިސްރާފުކުރުމުން އެއްކިބާވުން

ރަމަޟާން މަހުގައި ކާބޯތަކެތިން އިސްރާފުކުރުމަކީ ވަރަށް ބޮޑަށް އިތުރުވާކަމެކެވެ. އިސްރާފުކުރުމަކީ ނުބައިކަންބޮޑު ސިފައެކެވެ. އިސްރާފުކުރާ މީހުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންނުވާނެއެވެ. އަދި އެއީ ޝައިތާނާގެ އަޚުންގެ ސިފައެއްވެސްމެއެވެ.

* ޢުމްރާކުރުން

ރަމަޟާން މަހުގައި ޢުމުރާގެ އަޅުކަން އަދާކުރުމަކީ ޙައްޖެއް އަދާކުރުމުގެ ޘަވާބުލިބޭކަމެކެވެ.

* ފަހު 10 ގައި ލައިލަތުލް ޤަދުރި ލިބިގަތުމަށް ގަދައަޅައި މަސައްކަތް ކުރުން

އެއްހާސް މައްސަރުގެ އަޅުކަމަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ޤަދުރިވިލޭރޭ ލިބޭތޯ ފަހުދިހައިގައި ރޭތަކުގައި ކަމަރުބަނދެ އަޅުކަމުގައި އިތުރަށް ހީވާގިވާންވާނެއެވެ.

* އިޢުތިކާފަށް އިނުން

ރަމަޟާންމަހުގެ ފަހުދިހައިގައި އިޢުތިކާފަށް އިނުމަކީ ގަދަވެގެންވާ ސުންނަތެކެވެ.

* ފިތުރު ޒަކާތް ދެއްކުން

ޢީދު ނަމާދުގެ ކުރިން ފިތުރު ޒަކާތް ނެރުމަށް ރޯދަވެރިޔާ ހުށިޔާރުވާން ޖެހޭނެ އެވެ.

މަސްދަރު: ދިސަލަފިއްޔާ