Last Updated: April 11, 11:14
Friday, April 11, 2025
ޚަބަރު

އަގުހެޔޮކޮށް ތަކެތި ލިބެންހުރި ފިހާރަތައް އެނގޭނެ ޕޯޓަލްއެއް

މި ރޯދަ މަހު ބާޒާރުގައި ތަކެތި އެންމެ އަގުހެޔޮކޮށް ލިބެން ހުރި ފިހާރަތައް އެނގޭނެ "އަގުމަގު" ޕޯޓަލް ލޯންޗުކޮށްފި އެވެ.

މި ޕޯޓަލް ލޯންޗުކޮށްދިނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އަސާސީ ކާބޯތަކެތި ރައްޔިތުންނަށް އަގުހެޔޮކޮށް ފޯރުކޮށްދިނުމަށް ސަރުކާރުން ގިނަ ސިޔާސަތުތަކެއް ތަންފީޒުކުރަމުންދާ ކަމަށާއި މި ޕޯޓަލް އަކީ ވެސް އެ ސިޔާސަތުގެ ދަށުން އެކުލަވާލި ޕޯޓަލްއެއް ކަމަށެވެ. މި ޕޯޓަލް މެދުވެރިކޮށް އަސާސީ ކާބޯތަކެތީގެ ހެޔޮ އަގުތައް އެއްތަނަކުން ފެންނަން ހުންނާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މި ޕޯޓަލުން ފެންނަން ހުންނާނެ އަގުތަކަކީ އިކޮނޮމިކް މިނިސްޓްރީގެ އިންސްޕެކްޝަން ޓީމްތަކުން ކޮންމެ ހަފްތާއަކު ފިހާރަތަކަށާއި ބާޒާރުތަކަށް ގޮސް އެއްކުރާ މައުލޫމާތުގެ މައްޗަށް ހިމަނާފައިވާ އަގުތަކެއް ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެ އެވެ.

މިނިސްޓްރީން ބުނީ މި ޕޯޓަލްގައިވާ އަސާސީ ކާބޯތަކެއްޗަކީ ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން އަސާސީ ކާބޯތަކެތި ކަމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ރިއާޔަތްކޮށް ތައްޔާރުކޮށްފައިވާ ލިސްޓެއް ކަމަށެވެ.

މިވަގުތު މި ލިސްޓުގައި ހިމަނަން އަގުތައް މޮނީޓާ ކުރަމުން އަންނަނީ މާލެ އަދި ހުޅުމާލޭގެ ފިހާރަތަކެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި މި މަސައްކަތް އަތޮޅުތެރޭގެ ރަށްތަކަށް ވެސް މި މަސައްކަތް ފުޅާކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެ އެވެ.