Last Updated: April 11, 11:14
Friday, April 11, 2025
ޚަބަރު

'ވިޒިޓް މޯލްޑިވްސް ހެކަތޯން' ލޯންޗްކޮށްފި

އެމްއެމްޕީއާރްސީން އިންތިޒާމްކޮށްގެން ބާއްވާ "ވިޒިޓް މޯލްޑިވްސް ހެކަތޯން" ރަސްމީކޮށް ލޯންޗްކޮށްފި އެވެ.

އެ ހަރަކާތް ލޯންޗްކޮށް ދެއްވީ ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމެވެ.

މި ހެކަތޯނަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ޓެކްނޮލޮޖީ އަށް ބިނާކޮށް އައު ހައްލުތަކެއް ހޯދުމަށް އަމާޒުކޮށްގެން ބޭއްވޭ މުބާރާތެކެވެ. މި މުބާރާތުގައި އުފެއްދުންތެރި ޚިޔާލުތައް ހުރި ފަރާތްތަކަށް ބައިވެރިވެ، އެ ފަރާތްތަކުގެ ޚިޔާލުތައް ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދާނެ އެވެ.

މިނިސްޓަރު ޠާރިޤް ވިދާޅުވީ މި ހެކަތޯނަކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް އިތުރު ކުރިއެރުމެއް ގެނެސްދޭނެ ކަމަށް އުންމީދު ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މި ކަހަލަ މުބާރާތްތަކުން ޒުވާނުންގެ ހުނަރާއި ޤާބިލުކަން އިތުރަށް ފާހަގަކުރެވި، އެ ފަރާތްތަކުގެ ޚިޔާލުތައް ތަންފީޒުކުރުމުގެ ފުރުޞަތު ލިބިގެން ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީން ބުނީ، މި މުބާރާތުގައި ކާމިޔާބުކުރާ ފަރާތްތަކަށް ފައިސާގެ އިނާމުގެ އިތުރުން، އެ ފަރާތްތަކުގެ އައިޑިއާތައް ތަންފީޒު ކުރުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ. މީގެ އިތުރުން މި މުބާރާތުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އައު ޓެކްނޮލޮޖީތަކެއް ތަޢާރަފުވެ، ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށްވެސް އެ ފަރާތުން ބުންޏެވެ.

"ވިޒިޓް މޯލްޑިވްސް ހެކަތޯން" ގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު އޮތީ ހުޅުވާލައިފަ އެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެމްއެމްޕީއާރުސީގެ ވެބްސައިޓް މެދުވެރިކޮށް ކުރިމަތިލެވޭނެ އެވެ.