Last Updated: April 19, 21:11
Saturday, April 19, 2025
ޚަބަރު

'އިހްޔާ ފޯރަމް' މާލެއާ އެކު 7 ރަށެއްގައި

މި އަހަރުގެ ފުރަތަމަ އިހްޔާ ފޯރަމްގައި ތަގުރީރު ކުރައްވާނީ މިނިސްޓަރު ޝަހީމު.

ރޯދަ މަހުގެ ރޭތައް އިހްޔާކުރަން އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ "އިހްޔާ ފޯރަމް" މިއަހަރު މާލެއާ އެކު އަތޮޅުތެރޭގައި 7 ރަށެއްގައި ބާއްވާނެ ކަމަށް މިނިސްޓްރީން ބުނެފި އެވެ.

މިއަހަރު މާލޭގައި 8 ފޯރަމް ބޭއްވުމަށް ހަމަޖެހިފައި ވާއިރު، އިޙްޔާ ފޯރަމްތައް ބޭއްވުމަށް ހަމަޖައްސާފައި ވަނީ ކޮންމެ އާދިއްތަ އާއި ބުރާސްފަތި ދުވަހުގެ އެވެ.

މި އަހަރުގެ ފުރަތަމަ އިޙްޔާ ފޯރަމް އޮންނާނީ މާދަމާ ރެ އެވެ.މި ފޯރަމްގައި "ހެޔޮ ގޮތުގައި މުދާ ހޯދުމާއި ބޭނުންކުރުން" މި މަޢުޟޫއަށް ތަޤުރީރު ކުރައްވާނީ އިސްލާމީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ.

މި ފަހަރުގެ އިޙްޔާ ފޯރަމްތަކުގައި ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވާ ބޭފު:ުންގެ ތެރޭގައި ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން، ޝައިޚް އަޙްމަދު ސަމީރު އިބްރާހީމް ޙުސައިން، ޝައިޚް މުޙައްމަދު ޤުބާދު އަބޫބަކުރު، ޝައިޚް މުޙައްމަދު ލަޠީފު، ޑރ. މޫސާ ޢަންވަރު ޙަސަން، ޑރ. އަނާރާ ނަޢީމުގެ އިތުރުން ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ގާސިމް ހިމެނެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރު ވެސް ސްކޫލް ދަރިވަރުން ހުށަހަލައިދޭ 'ދަރިވަރުންގެ އިޙްޔާ ފޯރަމް" ވެސް ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން ދަރިވަރުންގެ އިޙްޔާ ފޯރަމްތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ ކޮންމެ ހޯމަ އަދި ބުދަ ދުވަހުގެ ރޭ މާލޭގަ އެވެ.

އަތޮޅުތެރޭގައި "އިޙްޔާ ފޯރަމް" ބާއްވާނެ ރަށްތައް ކަނޑައަޅާފަ އިވަނީ އެކަމަށްޓަކައި ހުޅުވާލި ފުރުސަތުގައި ޕްރޮޕޯސަލް ހުށައެޅި ރަށްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށައެޅި ރަށްތަކަށް ބަލައިގެން ކަމަށް މިނިސްޓްރީން ބުންޏެވެ.

އެގޮތުން ފޯރަމް ބާއްވަން ހަމަޖެހިފައި ވަނީ ފުވައްމުލަކާއި ހދ. ނާވައިދު އާއި ނ. މަނަދު އާއި ތ. ގުރައިދު އާއި ހއ. ބާރަށާއި ގދ. ގައްދޫގެ އިތުރުން ރ. މީދޫގަ އެވެ. މި ރަށްތަކުގައި ފޯރަމް ބާއްވާނީ ކޮންމެ އަންގާރައަކާއި ހުކުރު ދުވަހުގެ ރޭގަ އެވެ.

މިއަހަރު ވެސް އިޙްޔާ ފޯރަމްތަކަށް ހާޒިރުވާ މީހުންގެ މެދުގައި ގުރުއަތު ނަގައިގެން ހާއްސަ އިނާމުތަކެއް ވެސް ދޭނެ އެބެ.