Last Updated: April 1, 23:32
Tuesday, April 1, 2025
ޚަބަރު

ޑައިވިން ސައިޓެއް ހަދަން މަތިންދާބޯޓްތަކެއް ފައްތަނީ

ޑައިވިން އަށް ރާއްޖެ އަންނަ ޓޫރިސްޓުންގެ ޝައުގުވެރިކަން އިތުރުކުރުމަށްޓަކައި މާލެ ސަރަހައްދުގެ ޕިކްނިކް އައިލޭންޑް، ކުޑަގިރީގެ ފަޅުތެރެއަށް ދެ މަތިންދާބޯޓު ފައްތައި ޑައިވް ރެކް ސައިޓެއް ތަރައްގީ ކުރަން ތައްޔާރުވެއްޖެ އެވެ.

މިއީ އެޗްޑީސީ އާއި އެމްއެމްޕީއާރްސީގެ އިތުރުންއެމްޓީސީސީ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.

ކުޑަގިރި ފަޅަށް ފައްތަން ހަމަޖެހިފައި ބަނީ ކުރިން އެއާ މޯލްޑިވްސްގައި ބޭނުންކުރި ޑޯނިއާ ދެ މަތިންދާބޯޓެކެވެ. މި މަސައްކަތުގެ ދަށުން މިހާރު ވަނީ އެ ސަރަޙައްދު ސާފު ވެސް ކޮށް ފައެވެ. އަދި މަތިންދާބޯޓުތައް ފެއްތުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް މިހާރު އަންނަނީ ކުރަމުންނެވެ.

މިކަމަށް ހާއްސަކޮށްގެން އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ގައި ފާހަގަކޮށްފައިވާ ގޮތުގައި، މަތިންދާބޯޓު ގެންގުޅުމާއި އެއްތަނުން އަނެއް ތަނަށް ގެންދިއުމުގެ ތެރޭގައި މީހަކަށް ޞިއްޙީ އަދި ޖިސްމާނީ ހާނިއްކައިގެ ނުރައްކާ ކުރިމަތިވެދާނެ އެވެ. އަދި ޑައިވް ސައިޓް ތަރައްޤީ ކުރުމުގެ ތެރޭގައި ކަނޑުމަތީގައި މަސައްކަތްކުރާ މީހުންނަށް ވެސް މިފަދަ ނުރައްކާތައް ކުރިމަތިވެދާނެ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.

އެހެންވެ އެފަދަ ނުރައްކާތައް ކުޑަކުރުމަށްޓަކައި، މަޝްރޫޢުގެ މަސައްކަތުގައި ބައިވެރިވާ މީހުންނަށް ރައްކާތެރިކަމާއެކު މަސައްކަތް ކުރުމުގެ އުސޫލުތައް ކިޔައިދީ ތަމްރީނުކުރުމަށް ރިޕޯޓުގައި ލަފާ ދީފައިވެ އެވެ.

ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެ އަށް ޑައިވިން އަށް އަންނަ އިރު، ރާއްޖޭގެ އެކި ހިސާބުތަކުގައި ހާއްސަ ޑައިވިން ސްޕޮޓްތަކެއް ވެސް އެބަހުއްޓެވެ.