ކުރިން އާންމުންގެ ތެރޭގައި ވަރަށް މަގުބޫލު ޕްލެޓްފޯމެއް ކަމަށްވާ "ސްކައިޕް" ހުއްޓައިލަން ނިންމައިފި އެވެ.
މީގެ 21 އަހަރު ކުރިން ވުޖޫދަށް އައި މި އެޕް ހުއްޓައިލަން މައިކްރޮސޮފްޓުން އިއުލާންކުރީ އިއްޔެ އެވެ. އެ ކުންފުނިން ބުނީ "ސްކައިޕް" ބޭނުންކުރާ މީހުންގެ އަދަދު ވަރަށް ބޮޑުތަނުން ދަށްވެފައިވާ ކަމަށެވެ. އޭގެ ބަދަލުގައި މައިކްރޮސޮފްޓް 'ޓީމްސް' އަށް ބަރޯސާވުން ވަރަށް ބޮޑަށް އިތުރުވެފައިވާތީ "ސްކައިޕް" ހުއްޓާލަން ނިންމީ ކަމަށް ބުންޏެވެ.
އެގޮތުން ރަސްމީކޮށް އެ ޕްލެޓްފޯމްގައި "ބަންދު" ބޯޑު އަޅުވާނީ އަންނަ މެއި މަހުގެ 5 ގަ އެވެ. މެސެޖާއި އޯޑިއޯ/ވިޑިއޯ ކޯލްތަކަށް ހާއްސަ "ސްކައިޕް" ރަސްމީކޮށް ލޯންޗްކުރީ އޮގަސްޓް، 29، 2003 ގަ އެވެ.
އެ ހުއްޓާލާތީ މިހާރު އެ ޕްލެޓްފޯމް ބޭނުންކުރާ މީހުން "ޓީމްސް" އަށް ބަދަލުވާން މައިކްރޮސޮފްޓުން އެދިފައިވެ އެވެ. އެ ކުންފުނިން ބުނީ "ސްކައިޕް" ހުއްޓައިލާ އިރު، އޭގައި މުހިއްމު ގިނަ ފީޗާތައް "ޓީމްސް" ގައި ހިމަނާނެ ކަމަށެވެ.