ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑާ އަދި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ ނަމުގައި ސޯޝަލް މީޑިއާގައި ސްކޭމެއް ހިންގައި މީހުންގެ އަތުން ފައިސާ ފޭރޭ މައްސަލަތަކެއް ސަމާލުކަމަށް އައިސްފައިވާ ކަމަށް ޖޭޕީން ބުނެފި އެވެ.
އެކަމަށް ސަމާލުވާން އެދި އެ ޕާޓީން ބުނީ އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުން ނަހުލާގެ އަސްލު އެކައުންޓްތަކުގައި ހުންނަ ޒާތީ މައުލޫމާތާއި ފޮޓޯ އެއްގޮތް ކޮށްގެން ފޭކް އެކައުންޓްތައް ހަދާފައި ހުންނަކަން ފާހަގަވެފައިވާ ކަމަށެވެ. އަދި ނަހުލާގެ އަސްލު އެކައުންޓްތަކަކީ ވެރިފައި ކުރެވިފައި ހުންނަ އެކައުންޓްތަކެއް ކަމަށެވެ.
ޖޭޕީން ބުނީ ވެރިފައިކުރެވިފައިވާ ކަމުގެ ނިޝާނެއް ނެތް ފޭކް އެކައުންޓްތައް މެދުވެރިކޮށް މަކަރާއި ހީލަތުން އޮޅުވާލައިގެން އެކިއެކި މީސްމީހުންގެ އަތުން ފައިސާ އަތުލުމުގެ އަމަލުތައް ހިންގަމުންދާ މީހުން ހޯދައި ފިޔަވަޅު އަޅައި ދޭން ކަމާބެހޭ އިދާރާތަކަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.
"މީގެ ކުރިން ވެސް ދޭތެރެ ދޭތެރެއިން މި ބާވަތުގެ ނުރަނގަޅު ކަންކަން ނަހުލާގެ ނަންފުޅާ އެއްގޮތް އެކައުންޓްތައް ހަދައިގެން ބަޔަކު ހިންގާފައިވާތީ އެކަންވެސް އެކި ފަހަރުމަތިން ވާނީ ސަމާލުކަމަށް ގެނެވިފައި." ޖޭޕީން ބުންޏެވެ
އެ ޕާޓީން ބުނީ ނަހުލާގެ ނަމުގައި މެސެޖެއް ފަދަ އެއްޗެއް އަތުވެއްޖެ ނަމަ އޭގައިވާ ލިންކުތަކާއި ދެވިފައިވާ އިރުޝާދުތަކަށް އަމަލު ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
ރާއްޖޭގައި ފަހަކަށް އައިސް ސްކޭމްތަކުގެ މައްސަލަތައް ވަރަށް ބޮޑަށް އިތިރުވެފައިވެ އެވެ. އެގޮތުން ދާދި ފަހުން އެމްއެމްޕީއާރްސީެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީގެ ނަމުގައި ސްކޭމެއް ހިންގި މައްސަލައެެއް ފެންމަތިވި އެވެ.