ރޯދަ މަހަށް ހާއްސަކޮށްގެން އައްޑޫ ސިޓީ ކައުންސިލުން ދީނީ ސުވާލު މުބާރާތެއް ފަށައިފި އެވެ.
އައްޑޫގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ބާއްވާ "ދީނީ ސުވާލު މުބާރާތް 1446" އަކީ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށާއި، ދީނީ މަޢުލޫމާތު ހޯދައިބެލުމުގެ ޘަޤާފަތެއް އަށަގެންނެވުމަށާއި، ރަމަޟާން މަހުގެ ރޫޙޫ އާލާ ކުރުމުގެ މަޤްސަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ.
މި މުބާރާތުގައި ރޯދަ މަހުގެ ކޮންމެ ދުވަހަކު ސުވާލެއް ގެނެސްދޭނެ އެވެ. ސުވާލު އާންމު ކުރާނީ ކައުންސިލްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގަ އެވެ. ކޮންމެ ދުވަހެއްގެ ވެސް ސުވާލަށް ޖަބާވު ފޮނުވޭނީ ހެނދުނު 10:00 އިން ހަވީރު 6:00 އަށެވެ.
ސުވާލު މުބާރާތުގައި އެންމެ ގިނަ ސުވާލުތަކުގެ ޖަވާބު ދިމާކޮށްގެން ގުރުއަތުން ހޮވޭ ފަރާތަކަށް ޢުމްރާ ދަތުރެއް ލިބޭނެ އެވެ.
އައްޑޫ ކައުންސިލުން ދީނީ ސުވާލު މުބާރާތެއް ކުރިއަށް ގެންދާ އިރު، ހިތަދޫ ނޫރުލް އިސްލާމް ޖަމިއްޔާ އިން ވެސް ވަނީ ސުވާލު މުބާރާތެއް ފަށައިފަ އެވެ. އެ މުބާރާތް ހާއްސަކޮށްފައި ވަނީ އުމުރުން 8-13 އަހަރުގެ ކުދިންނަށެވެ.