Last Updated: April 19, 23:09
Saturday, April 19, 2025
މުނިފޫހިފިލުވުން

އަހާން ތައާރަފުކުރާ ފިލްމު ނިމުމާ ގާތަށް

މޯހިތާއި އަހާން.

ބޮލީވުޑްގެ ޒުވާން ބަތަލާ އަނަންޔާ ޕާންޑޭގެ ކަޒިން އަހާން ޕާންޑޭ ބޮލީވުޑަށް ތައާރަފު ކުރަން ހަމަޖެހިފައިވާ ފިލްމުގެ ޝޫޓިން ނިމުމާ ގާތްވެއްޖެ އެވެ.

މީޑިއާތަކުން ބުނީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް މޯހިތު ސޫރީ ޑައިރެކްޓްކުރާ ފިލްމުގެ ފަހުން ޝޫޓިން ޝެޑިއުލް މި ހަފުތާގެ ތެރޭގައި ނިންމާނެ ކަމަށެވެ. އެގޮތުން އަހާން މިއުޒިކް ޝޯއެެއްގައި ޕަފޯމްކުރާ މަންޒަރުތަކެއް ދައްކުވައި ދޭ ގޮތަށް ޝޫޓްކުރާ މަންޒަރުތަކުގައި 1،000 މީހުން ބައިވެރިވާ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

މި ފިލްމާ ބެހޭ އެއްވެސް މައުލޫމާތެއް ރަސްމީކޮށް ވައިއާރްއެފުން މިހާތަނަށް ހިއްސާކޮށްފައި ނުވާތީ ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް މިހާތަނަކަށް ނުލިބެ އެވެ. އެގޮތުން ފިލްމުގެ ނަމާއި ބަތަލާ އަކީ ކާކު ކަމެއް ވެސް ނޭނގެ އެވެ. ބޮލީވުޑްގެ އެންމެ ބޮޑު ސްޓޫޑިއޯ އިން އަހާން، 28، ލޯންޗްކުރަން އުޅޭ ވާހަކަ ދެކެވޭތާ މިހާރު ފަސް ވަރަކަށް އަހަރުވެއްޖެ އެވެ.

އޭނަ ބޮލީވުޑަށް ތައާރަފު ކުރާ ފިލްމު ވާނީ މޯހިތު ވައިއާރްއެފަށް ހަދާ ފުރަތަމަ ފިލްމަށް ވެސް މެ އެވެ. އޭނަ އަކީ "އާޝިގީ 2" އާއި "ޒެހެރް" އަދި "އޭކް ވިލަން" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ. މޯހިތުގެ އެންމެ ފަހުގެ ފިލްމަކީ 2022 ގެ "އޭކް ވިލަން ރިޓާންސް" އެވެ.