Last Updated: April 11, 11:14
Friday, April 11, 2025
ޚަބަރު

ސްޓެލްކޯގެ ސްމާޓް މީޓަރު ރޯދައިގެ ފަހުން

ރޯދަ މަސް ނިމުމާ އެކު ސްމާޓް މީޓަރު ގޭބިސީތަކުގައި ހަރުކުރަން ފަށާނެ ކަމަށް ސްޓެލްކޯ ބުނެފި އެވެ.

ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ނާޝިދު ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ދަށުން ފުރަތަމަ ސްމާޓް މީޓަރުތައް ހަރުކުރަން ނިންމާފައި ވަނީ ހުޅުމާލޭގަ އެވެ.

ސްމާޓް މީޓަރުގެ ސަބަބުން ކަސްޓަމަރުންނަށް ކޮންމެ 15 މިނެޓަކުން އެއްފަހަރު ކަރަންޓު ބޭނުންކުރެވޭ މިންވަރު ބެލުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ.

ކަރަންޓުގެ ހިދުމަތް ޒަމާނީ ކުރުމުގެ މަސައްކަތުގެ ތެރެއިން ސްޓެލްކޯއިން މިދިޔަ އަހަރު ސްމާޓް މީޓަރާ ގުޅޭ ޕައިލެޓް ޕްރޮޖެކްޓެއް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި އެ ޕްރޮޖެކްޓްގެ ނަތީޖާ އަށް ބިނާކޮށް، މިހާރު ތައްޔާރު ވަނީ ރަސްމީކޮށް ސްމާޓް މީޓަރު ތައާރަފު ކުރުމަށެވެ.

ފެނަކަ އިން ވެސް މިދިޔަ އަހަރުން ފެށިގެން ބައެއް ރަށްރަށުގައި އަންނަނީ ސްމާޓް މީޓަރު ބޭނުން ކުރަމުންނެވެ.

އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް މިދިޔަ އަހަރު ވިދާޅުވެފައިވާ ގޮތުގައި ތިން އަހަރުގެ ތެރޭގައި ހުރިހާ ރަށަކަށް ސްމާޓް ކަރަންޓް މީޓަރު ތައާރަފު ކުރެވޭނެ އެވެ.