ދިވެހިންގެ އެހީގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކޮށް އެ މިސްކިތް ބޭނުން ކުރަން ފަށައިފި އެވެ.
އެ ގައުމުގެ ޗަކަރިޔާ އަވަށުގައި ރާއްޖޭގެ ޖަމިއްޔާއެެއް ކަމަށްވާ "ހިދުމަތް" އިން ބިނާކުރި މިސްކިތް އިއްޔެ ހުޅުވި އިރު، އެތަނުގައި ފުރަތަމަ ބަންގީ ގޮވީ އަލީ ރަމީޒެވެ. އެ ޖަމިއްޔާގެ ދައުވަތަކަށް ޖަމިއްޔާގެ ޓީމަކާ އެކު އޭނަ ބަންގްލަދޭޝް އަށް ދިޔައީ މީގެ ދެ ދުވަސް ކުރިންނެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި އަލީ ރަމީޒު ވަނީ "ހިދުމަތް" ޖަމިއްޔާ އިން ބިނާކުރި މިސްކިތުގައި އެންމެ ފުރަތަމަ ބަންގި ގޮވަން ލިބުނު ކަމަށްޓަކައި ހަމްދުކުރާ ކަމަށް ވެސް ބުނެފަ އެވެ.
އެ މިސްކިތަކީ ދިވެހިންގެ އެހީގައި "މާލްޑީވް މަސްޖިދް މަދަރުސާ ކޮމްޕްލެކްސް" ގެ ނަމުގައި ހެދި އިމާރާތުގެ ތިން ވަނަ ބުރީގައި ގާއިމުކޮށްފައިވާ މިސްކިތެކެވެ.
މީގެ ކުރިން ވެސް ރާއްޖޭގެ ބައެއް ޖަމިއްޔާތަކުން ދިވެހިންގެ އެހީގައި އެކި ގައުމުތަކުގައި މިސްކިތްތައް ބިނާކޮށްފައިވެ އެވެެ. އޭގެ ތެރޭގައި ފަލަސްތީނާއި ސީރިއާ އަދި އިންޑޮނީޝިއާ ހިމެނެ އެވެ.