Last Updated: April 20, 06:46
Sunday, April 20, 2025
ޚަބަރު

"ވާނުވާ" ގައި 417 މީހަކު އެބަތިބި

ދާދި ފަހުން ޕީޖީ އޮފީހުން ބޭއްވި "ބަންދު ފޯރަމް" ގައި ޕީޖޭ އައްބާސް ޝަރީފު.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ނުވަތަ "ވާނުވާ" ބަންދުގައި 417 މީހަކު އެބަތިބި ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ޢޭ އޮފީހުން ބުނީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން ބައެއް މީހުން ޖާގައިގެ ދަތިކަމާ ހެދި ރިމާންޑު ޖަލަކަށް ބަދަލު ނުކުރެވި އެބަތިބި ކަމަށެވެ. އެއީ 57 މީހެކެވެ. އޭގެ ތެރެއިން 21 މީހުންނަކީ އަތޮޅުތެރޭގައި ބަންދުކޮށްފައި ތިބި މީހުންނެވެ.

ޕީޖީ އޮފީހުގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައިވާގޮތުން ރިމާންޑު ޖަލަށް ބަދަލު ނުކުރެވި 200 އަށް ވުރެ ގިނަ ދުވަސް ވެފައިވާ 10 މީހަކު މިހާރު ވެސް އެބަ ތިއްބެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށް، ރިމާންޑު ޖަލަށް ބަދަލުކޮށްފައިވާ ގިނަ މީހުން ތިބީ މާފުށީ ޖަލުގަ އެވެ.

މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ 285 މީހަކު ތިބިއިރު، ހުޅުމާލޭގައި 70 މީހަކާއި ޖުވެނައިލް ޑިޓެންޝަން ސެންޓަރުގައި ތިން ކުޑަ ކުއްޖަކު އެބަތިއްބެވެ. އަދި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ދެ މީީހަކު މިވަގުތު ތިބީ ގޭ ބަންދުގަ އެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ގިނަ ދުވަހު ތިބޭ މައްސަލަ އަކީ އަދިވެސް ހައްލު ނުކުރެވޭ މައްސަލައެކެވެ. އަދި މިކަން ނިމުމަކަށް ގެނައުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.