ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭ ވެހުނީ ކ. ދިއްފުއްޓަށް ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުނެފި އެވެ.
އެތަނުން ބުނީ އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނުގެ 8:00 އާ ހަމައަށް އެ ރަށަށް 296.1 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށެވެ.. އަދި މިއީ ރާއްޖޭގެ ވިއްސާރައިގެ އާ ރެކޯޑެއް ކަމަށް ވެސް މޫސުމާ ބެހޭ އިދާރާ އިން ބުންޏެވެ.
ދިއްފުއްޓަށް ބޯކޮށް ވާރޭ ވެހި ގޭގެއަށް ވެސް ފެން ވަދެ ގެއްލުންތަކެއް ލިބުނެވެ.
ރާއްޖޭގެ ވިއްސާރައިގެ ރެކޯޑުތަކުގައިވާ ގޮތުން 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް މީގެ ކުރިން ރެކޯޑް ކުރެވިފައި އޮތީ މިދިޔަ އަހަރުގެ އޮގަސްޓް 12 ވަނަ ދުވަހު ހއ. ކެލާ އަށެވެ. އެއީ 231.5 މިލިމީޓަރުގެ ވާރޭ އެވެ.
އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނު ރަށްރަށަށް ބަލާ އިރު، ދެވަނަ އަށް އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުމާލެއަށެވެ. އެއީ އަށް 185.2 މިލިމީޓަރުގެ ވާރެ އެވެ. އަދި ފ. ނިލަންދު އަށް 178.2 މިލިމީޓަރުގެ ވާރޭ ވެހުނެވެ.
އިއްޔެ އާއި ރޭ މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލެ އާއި އެކި ރަށްރަށުގައި ފެންބޮޑުވެ، ގޭގެ އަށް ފެން ވަދެ، އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
މިއަދު ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ބައެއް ސަރަހައްދުތަކަށް އޮތީ ޔެލޯ އެލާޓް ނެރެފަ އެވެ.