Last Updated: April 19, 23:09
Saturday, April 19, 2025
މުނިފޫހިފިލުވުން

ގޯވިންދާ އާއި ރަވީނާގެ ދަރިން އާކޮށް ދިނީ ހަނދާންތަކެއް

އެކީގައި ފިލްމުތަކެއް ކުޅެފައިވާ ބޮލީވުޑްގެ ތަރިން ކަމަށްވާ ގޯވިންދާ އާއި ރަވީނާ ޓަންޑަންގެ ފިލްމެއްގެ މަޝްހޫރު ލަވައަކަށް އެ މީހުންފެ ދަރިން ނަށާ މަންޒަރު ފެންނަ ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެެ.

އެ ވީޑިއޯގައި ފެންނަނީ ރަވީނާ އާއި ގޯވިންދާގެ 2002 ގެ ފިލްމު "އަނކިޔޯ ސޭ ގޯލީ މާރޭ" ގެ ޓައިޓްލް ލަވަ އަށް ގޯވިންދާގެ ދަރިފުޅު ޔާޝްވަރުދަން އާއި އަހޫޖާ އާއި ރަވީނާގެ ދަރިފުޅު ރާޝާ ތަޑާނީ ނަށާ ތަނެވެ.

މީޑިއާތަކުން ބުނީ އެ ވީޑިއޯ އަކީ ޔާޝްގެ 28 ވަނަ އުފަން ދުވަސް ފާހަގަކުރަން އިއްޔެ ރޭ ބޭއްވި ޕާޓީގެ ތެރެއިން ނަގާފައިވާ ވީޑިއޯއެއް ކަމަށެވެ.

ލަވަ އަށް ޔާޝް އާއި ރާޝާ ނަށާ އިރު، ގިނަ އަދަދެއްގެ ބަޔަކު ވެސް ޕާޓީތެ ތެރޭގައި ފޯރި ނަގާ ތަން ފެނެ އެވެ. މި ވީޑިއޯ އާންމުވުމުން ބައެއް މީހުން ވަނީ ޔާޝް އާއި ރާޝާ އެކީގައި ފިލްމަކުން ދެކިލުމުގެ ޝައުގުވެރިކަން ބޮޑުވެފައިވާ ކަމަށް ބުނެފަ އެވެ.

ރާޝާ، 19، ބޮލީވުޑަށް ތައާރަފުވީ މިދިޔަ ޖެނުއަރީ މަހު ރިލީޒްކުރި "އާޒާދު" އިންނެވެ. ރިޕޯޓްތައް ބުނާ ގޮތުން ޔާޝް މި އަހަރު ބޮލީވުޑަށް ތައާރަފު ކުރާނެ އެވެ. އޭނަ ތައާރަފުކުރާ ފިލްމަކީ ކުރީގެ އެކްޓަރު އިރުފާން ޚާންގެ ދަރިފުޅު ބާބިލް ވެސް ކާސްޓްގައި ހިމެނޭ ފިލްމެއް ކަމަށް މީޑިއާތަކުން ދާދި ފަހުން ރިޕޯޓްކޮށްފައިވެ އެވެ.