Last Updated: April 19, 23:09
Saturday, April 19, 2025
މުނިފޫހިފިލުވުން

ޓައިގާގެ އުފަން ދުވަހު 'ބާގީ 4' ގެ އާ ޕޯސްޓަރެއް

ބޮލީވުޑްގެ ތަރި، ޓައިގާ ޝްރޮފްގެ 35 ވަނަ އުފަން ދުވަހާ ގުޅުވައި އޭނަގެ ކުރިއަށް އޮތް ފިލްމު "ބާގީ 4" ގެ އާ ޕޯސްޓަރެއް މިއަދު ދައްކާލައިފި އެވެ.

ހުނަރުވެރި އެކްޓަރު ވަރުގަދަ އެކްޝަން ރޯލަކުން ފެންނަ މި ފިލްމަކީ މި އަހަރުގެ ސެޕްޓެމްބަރު 5 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ފިލްމެކެވެ. "ބާގީ" ފްރެންޗައިޒަކީ ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ ގެނެސްދޭ އެެއްޗެކެވެ. މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ޝޫޓިން ކުރިއަށްދާ "ބާގީ 4" ގެ ޑައިރެކްޓަރަކީ އޭ. ހަރްޝާ އެވެ.

މީގެ ކާސްޓްގައި ސަންޖޭ ދަތާއި ސޯނަމް ބަޖްވާ އަދި 2021 ގެ މިސް ޔުނިވާސް ހަރްނާޒް ސަންދޫ ވެސް ހިމެނެ އެވެ.

ޓައިގާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ނޮވެމްބަރުގައި ޑައިރެކްޓަރު ރޯހިތު ޝެޓީ ގެނެސްދިން "ސިންގަމް އެގެއިން" އިންނެވެ.

މަޝްހޫރު އެކްޓަރު ޖެކީ ޝްރޮފްގެ ދަރިފުޅުގެ "ބާގީ" ފްރެންޗައިޒްގެ ފުރަތަމަ ބައި ގެނެސްދިނީ 2016 ގަ އެވެ. "ބާގީ 2" 2018 ގައި ގެނެސްދިނުމަށް ފަހު ތިން ވަނަ ބައި ރިލީޒްކުރީ 2020 ގަ އެވެ. މި ތިން ފިލްމު ވެސް ވަރަށް ކާމިޔާބެވެ.

މިހާރު ބޮލީވުޑްގެ އެންމެ ވަރުގަދަ އެއް އެކްޝަން ހީރޯގެ ގޮތުގައި ސިފަކުރާ ޓައިގާ ބޮލީވުޑަށް ނުކުތީ 2014 ގެ "ހީރޯޕަންތީ" އިންނެވެ.