ރާއްޖޭގެ މަޝްހޫރު ޑައިރެކްޓަރު ފާތުމަތު ނަހުލާގެ އާ ފިލްމު "ސޮރީ" މި އަހަރުގެ ޖޫންގައި ބެލުންތެރިންނަށް ގެނެސްދޭން ނިންމައިފި އެވެ.
ފިލްމުގެ ޕޯސްޓަރަކާ އެކު މިކަން މިއަދު ސޯޝަލް މީޑިއާގައި އިއުލާންކޮށް ބުނީ ފިލްމު އޮލިމްޕަހުގައި ޕްރީމިއާ ކުރާނީ ޖޫން 17 ގައި ކަމަށެވެ.
މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ޝޫޓިން ކުރިއަށް ގެންދާ "ސޮރީ" ގެ މަސައްކަތުގެ ވަރަށް ބޮޑު ބައި މިހާރު ނިންމާފައިވާ އިރު، މި ފިލްމަކީ ނަހުލާ ކުރިން ގެނެސްދިން އަސަރު ގަދަ ލޯބީގެ ފިލްމުތަކުން ގެނެސްދިން ކަހަލަ އިހުސާސްތަކާއި ޖަޒުބާތުތައް ގެނެސްދޭނެ ފިލްމެއް ކަމަށް ބުނެފައިވެ އެވެ.
މީގެ މައިގަނޑު ކާސްޓްގައި ކުޑަ ދެ އަންހެން ކުއްޖަކު ހިމެނޭ އިރު، އޭގެ ތެރެއިން އެއް ކުއްޖަކީ ނަހުލާގެ ހަގު ދަރިފުޅު ލާލި އެވެ. އަނެއް ކުއްޖަކީ އޭނަގެ މާމަދަރިއެއް ކަމަށްވާ އެވެލީ އެވެ. އެވެލީ އަކީ ނަހުލާގެ ކުރީގެ ބައެއް ފިލްމުތަކުގައި ޗައިލްޑް އާޓިސްޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ނާޝް ސިނާންގެ ދަރިއެކެވެ.
"ސޮރީ" ގެ ކާސްޓަށް ބަލާ އިރު، މަޝްހޫރު އަދި ތަޖުރިބާކާރު ތަރިންތަކެއް ފިލްމުން ފެންނާނެ އެވެ. އޭގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި މަރިޔަމް އައްޒަ އާއި ޝީލާ ނަޖީބުގެ އިތުރުން ކުރީގެ އެކްޓަރު ހުސައިން ސޮބާހް ހިމެނެ އެވެ.
"ކަލާޔާ ނުލާ" އާއި "ނާއުންމީދު" އާއި "ޒުލޭހާ" އަދި "ޔޫސުފް" ފަދަ ރީތި އަދި ކާމިޔާބު ފިލްމުތައް ގެނެސްދިން ނަހުލާގެ އެންމެ ފަހުގެ ޑައިރެކްޝަނަކީ 2016 ގެ ގެ ބިރުވެރި ފިިލްމު "4426" އެވެ. އެ ފިލްމަކީ އަހުމަދު ޝިނާންއާ ގުޅިގެން އޭނަ ޑައިރެކްޓްކުރި ފިލްމެކެވެ.
"ސޮރީ" އަކީ މި އަހަރު ގެނެސްދޭން ނިންމާފައިވާ ފިލްމުތަކުގެ ތެރެއިން ތާރީހު އިއުލާންކުރި ދެވަނަ ފިލްމެވެ. މި އަހަރު އޮލިމްޕަހަށް އަންނަ ފުރަތަމަ ފިލްމަކަށް ވާނީ އެޕްރީލް 28 އަށް ތާވަލުކޮށްފައިވާ ޑައިރެކްޓަރު މޫމިން ފުއާދުގެ "އަބަދަށް" އެވެ.