Last Updated: April 19, 23:09
Saturday, April 19, 2025
ޚަބަރު

ކަރަންޓާއި ފެން ބިލު ޑިސްކައުންޓަށް 160 މިލިއަން ރުފިޔާ ހޭދަވޭ

މި ރޯދަ މަހު ކަރަންޓާއި ފެން ބިލަށް ސަރުކާރުން ދޭން ނިންމި ޑިސްކައުންޓަށް 160 މިލިއަން ރުފިޔާ ހޭދަވާ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނެފި އެވެ.

ރޯދަ ހަދިޔާއެއްގެ ގޮތުގައި ޔުޓިލިޓީ ބިލްތަކުން ޑިސްކައުންޓް ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާ ގުޅިގެން އެ ހިދުމަތްތައް ދޭ ސްޓެލްކޯ އާއި ފެނަކަ އިން ވެސް ވަނީ އެކަމުގެ ތައްޔާރީތައްވެފަ އެވެ. އެގޮތުން ޑިސްކައުންޓް ދޭނެ އުސޫލުތައް ދެ ކުންފުނިން ވެސް އާންމުކޮށްފައިވެ އެވެ.

ކަރަންޓާއި ފެން ބިލުން ދޭން ނިންމި ޑިސްކައުންޓާ ގުޅޭ ގޮތުން އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުއާވިޔަތު މުޙައްމަދު ވިދާޅުވީ ރޯދަ މަހަކީ ޢާންމު މަސްތަކަށްވުރެ ކުރާ ޚަރަދުތައް އިތުރުވާ މަހެއް ކަމަށެވެ.

އޭނަ ވިދާޅުވީ ރައީސްގެ ވަޢުދާ އެއްގޮތަށް ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދެއްވުމަށްޓަކައި ސަރުކާރުން ވަރަށް ބޮޑު ހޭދައެއް ކުރައްވާ ކަމަށެވެ. އެގޮތުން މިއަހަރު މިކަމަށް 160 މިލިއަން ރުފިޔާ ސަރުކާރުން ހޭދަކުރައްވާނެ ކަމަށް މުއާވިޔަތު ވިދާޅުވި އެވެ.

"ކުރީގެ މަސްތަކަށް ބަަލައި އެވްރެޖްކޮށް ބިލަށް ޖެހޭ ވަރަށްވުރެ ބޮޑު ވާ ނަމަ އެ ބޮޑުވާ ބައި ޑިސްކައުންޓްގެ ތެރެއިން ކަވަރު ކޮށްދޭނެ،" އޭނަ ވިދާޅުވި އެވެ. "ކޮންމެ ގޭބިސީއެއްގެ ކަރަންޓާއި ފެން ބިލުންވެސް މަދުވެގެން ދިހަ ޕަސެންޓް ޑިސްކައުންޓް ލިބޭނެ."

ކަރަންޓާއި ފެން ބިލުން މިދިޔަ އަހަރުގެ ރޯދަ މަހު ވެސް ޑިސްކައުންޓް ދިނެވެ. އެ ފަހަރު މިކަމަށް 130 މިލިއަން ރުފިޔާ ހޭދަކުރި އެވެ.