މިހާތަނަށް ދުނިޔޭގައި އެންމެ ގިނައިން ލޭ ހަދިޔާކުރި މީހުންގެ ތެރޭގައި ހިމެނޭ އޮސްޓްރޭލިއާގެ "މޭން ވިތު ދަ ގޯލްޑެން އާމް" މަރުވެއްޖެ އެވެ.
އުމުރުން 18 އަހަރުން ފެށިގެން ލޭ ހަދިިޔާކުރަމުން އައި ޖޭމްސް ހެރިސަން އުމުރުން 88 އަހަރުގައި މަރުވީ މި މަހުގެ 17 ގަ އެވެ. މީޑިއާތަކުން ބުނީ އޭނަ މަރުވީ ނިދީގެ ތެރޭގައި ނިއު ސައުތު ވޭލްސްގެ ދުވަސްވީ މީހުން ތިބޭ މަރުކަޒެއްގައި ކަމަށެވެ.
އިންސާނިއްޔަތަށް ހިދުމަތްކޮށްގެން އޮސްޓްރޭލިއާ ރައްޔިތުންގެ ލޯބި ވަރަށް ބޮޑަށް ހޯދި ޖޭމްސް މަރުވުމާ ގުޅިގެން އޮސްޓްރޭލިއަން ރެޑް ކްރޮސް ލައިފް ބްލަޑް އިން އޭނަގެ ހަނދާންތައް އާކޮށްފައިވެ އެވެ.
ޖޭމްސް ފާހަގަކުރެވުނީ މާބަނޑު އަންހެނުންނަށް ލޭ ދޭން ހާއްސަ މީހެއްގެ ގޮތުގަ އެވެ. ސަބަބަކީ އޭނަގެ ލޭގައި ނާދިރު އެންޓި-ބޮޑީއެެއް ކަމަށްވާ "އެންޓި-ޑީ" އެކުލެވިފައިވުމެވެ. އެހެންވެ މާބަނޑު ދުވަސްވަރު ލޭގެ މައްސަލަ ދިމާވާ މީހުންނަށް ޖޭމްސްގެ ލޭ ވެފައި ވަނީ މައިމީހާ އާއި ދަރިފުޅުގެ ފުރާނަ ވެސް ސަލާމަތްކޮށްދޭ ވަރަށް އަގުހުރި ހަދިޔާއަކަށެވެ.
އުމުރުން 18 އަހަރުގައި ލޭ ދޭން ފެށި ގޮތަށް އުމުރުން 81 އަހަރާ ހަމައަށް ޖޭމްސް ކޮންމެ ދެ ހަފުތާއަކުން ލޭ ހަދިޔާކުރަމުން ގޮސްފައިވެ އެވެ. އޭނަގެ އެ އެހީގެ ސަބަބުން 2.4 މިލިއަނެއްހާ ކުދިންގެ ފުރާނަ ސަލާމަތްވެފައިވެ އެވެ.
ޖޭމްސް އަކީ 2005-2022 އާ ހަމައަށް އެންމެ ގިނައިން ލޭ ހަދިޔާކުރުމުގެ ދުނިޔޭގެ ރެކޯޑް ވެސް އޮތް މީހާ އެވެ. އޭނަ ޖުމްލަ 1,173 ފަހަރު ލޭ ހަދިޔާކޮށްފައިވެ އެވެ.