ބައްޕަ ޑޭވިޑް ދަވަނާ އެކު އެކްޓަރު ވަރޫން ދަވަން މަސައްކަތްކުރާ ހަތަރު ވަނަ ފިލްމު "ހޭ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ" ގެ މަސައްކަތް ނިންމާނީ އޭނަ މިހާރު ކުޅެމުން އަންނަ "ބޯޑާ 2" ނިންމާފައި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ކާސްޓްގައި މުރްނާލް ތާކޫރާއިި ޕޫޖާ ހެގްޅޭ ހިމެނޭ ރޮމޭންޓިކް ކޮމެޑީ "ހޭ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ" އަކީ މިދިޔަ އަހަރުގެ މެދުތެރޭގައި ޝޫޓިން ފެށި ފިލްމެކެވެ. މި އަހަރުގެ އޮކްޓޯބަރުގައި ގެނެސްދޭން ހަމަޖެހިފައިވާ ފިލްމަކީ ޕްރޮޑިއުސަރު ރަމޭޝް ތައުރާނީގެ ޓިޕްސްގެ ފިލްމެކެވެ.
"ހޭ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ" ގެ މަސައްކަތް ވަރޫން މެދުކަނޑާލީ "ބޯޑާ 2" އަށް ވަގުތު ހުސްކުރުމުގެ ގޮތުންނެވެ. މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޝޫޓިން ފެށި ފިލްމަކީ އަންނަ އަހަރުގެ ޖެނުއަރީގައި ގެނެސްދޭނެ ފިލްމެކެވެ. "ބޯޑާ 2" ގެ ކާސްޓްގައި 1997 ގެ "ބޯޑާ" ގައި ހިމެނޭ ސަނީ ޑިއޯލް އާއި އެ ފިލްމުގައި މުހިއްމު ރޯލެއް ކުޅުނު ސުނިލް ޝެޓީގެ ދަރިފުޅު އަހާން ޝެޓީގެ އިތުރުން ދިލްޖީތު ދޮސަންޖް ވެސް ހިމެނެ އެވެ.
މި ހަނގުރާމަ ފިލްމުގެ ޑައިރެކްޓަރަކީ އަކްޝޭ ކުމާރުގެ 2019 ގެ "ކާސަރީ" ގެނެސްދިން އަނޫރާގް ސިންގް އެވެ.
ބައްޕަ ޑޭވިޑާ އެކު ވަރޫން ހަތަރު ވަނަ ފިލްމެއްގެ މަސައްކަތްކުރާ ދެބަފައިން އެކީގައި އެންމެ ފަހުން ގެނެސްދިނީ 2020 ގެ "ކޫލީ ނަމްބަރު 1" އެވެ. އޭގެ ކުރިން ބައްޕަގެ "ޖުޅުވާ 2" އާއި "މޭ ތޭރާ ހީރޯ" ގެ ބަތަލަކީ ވެސް ވަރޫން އެވެ.
އޭނަގެ އެންމެ ފަހުގެ ފިލްމަކީ ޑިސެމްބަރުގައި ރިލީޒްކޮށް ފިނި ތަރުހީބެއް ލިބުނު "ބޭބީ ޖޯން" އެވެ.