ރާއްޖެ ޓްރާންސްޕޯޓް ލިިންކް (އާރްޓީއެލް) ގެ ހިދުމަތް ހިލޭ ލިބޭ ކަމަށް ބުނެ ސްކޭމެއް ހިންގަމުންދާތީ ސަމާލުވާން އެދިއްޖެ އެވެ.
ސޯޝަލް މީޑިއާގައި އެ ސްކޭމް ހިންގަނީ ފޭސްބުކްގައި "މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓް" ގެ ނަމުގައި ހިންގަމުން އަންނަ ޕޭޖެއް މެދުވެރިކޮށެވެ. އެގޮތުން އްރުޓީއެލުން ހިލޭ ދަތުރު ކުރެވޭ ސްމާޓް ކާޑެއް ވިއްކާ ކަމަށް ބުނެފައިވެ އެވެ.
އާރްޓީއެލްގެ ދަށުން އަންނަނީ ފެރީ އާއި ބަހުގެ ހިދުމަތް ދެމުންނެވެ.
ސްކޭމާ ގުޅިގެން އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނީ އެ ޕޭޖުން ދަނީ އާރުޓީއެލް މެދުވެރިކޮށް ތިން މަސް ދުވަސް ވަންދެން ހިލޭ ދަތުރުކުރުމަށް މަގުފަހިކޮށްދޭނެ ކަމަށް ބުނާ ސްމާޓް ކާޑެއް ވިއްކުމުގެ މަސައްކަތްކުރަމުން ކަމަށެވެ. ނަމަވެސް އެ ޕޭޖުގައި ހިންގަމުން ގެންދާ އެއްވެސް މުއާމަލާތަކީ އެމްޓީސީސީ އާއި އާރުޓީއެލްއާ ވެސް ގުޅުމެއް ނެތް ކަމެއް ކަމަށް ބުންޏެވެ.
އެމްޓީސީސީން ބުނީ ކުންފުނިން އާ ހިދުމަތެއް ނުވަތަ ޕްރޮޑަކްޓެއް ތައާރަފުކުރާ ނަމަ އެ ކަމެއް ރަސްމީކޮށް ފެށުމުގެ ކުރިން ކުންފުނީގެ ރަސްމީ ސޯޝަލް މީޑިއާ އަދި އެހެނިހެން މީޑިއާ ޗެނަލްތަކުން އެކަމުގެ މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.
"މިއަދު މިފަދަ ސްކޭމްތައް އާންމުވެފައިވާ އިރު، މި ކަންކަމަށް ސަމާލުވުމުގެ ގޮތުން އެމްޓީސީސީ ނުވަތަ އާރްޓީއެލްގެ ނަމުގައި އެއްވެސް ފަރާތަކުން ފޮނުވާ ލިންކްތަކަށް ސަމާލުވުމަށާއި އެފަދަ ފަރާތްތަކާ އެކު އެއްވެސް ފައިސާގެ މުއާމަލާތެއް ނުކުރުމަށް އެންމެހާ ކަސްޓަމަރުންނަށް ނަސޭހަތްތެރިވަން." އެމްޓީސީސީން ބުންޏެވެ.
އެ ކުންފުނިން ބުނީ ކުންފުންޏަށް ރައްޔިތުން ކުރާ އިތުބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ނުހައްގުން ފައިސާ ހޯދުމަށް ކުރާ ކަހަލަ ނާތަހުޒީބު އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ރާއްޖޭގައި މިހާރު ސްކޭމްގެ މައްސަލަތައް ވަރަށް ގިނަ އެވެ.