Last Updated: April 20, 11:51
Sunday, April 20, 2025
ޚަބަރު

ބޮޑެތި ޖޫރިމަނާތަކާ އެކު ޕެޓާ ގުޅޭ ބިލެއް

ޕެޓް ނުވަތަ އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު އާންމު ތަނަކަށް ދޫކޮށްލައި ފިނަމަ ނުވަތަ އަނިޔާކޮށްފި ނަމަ ޖޫރިމަނާ ކުރެވޭ ގޮތަށް މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ބިލު މަޖިލީހަށް ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެންބަރު މުޙައްމަދު އަބްދުއްރަޙްމާނެވެ.

މި ބިލުގެ މަގުސަދަކީ ރާއްޖޭގައި ދެމެހެއްޓެނިވި އަދި ރައްކާތެރި ގޮތެއްގައި ޖަނަވާރު ގެންގުޅުމާއި ވިއްސައި އާލާކުރުމާއި ވިޔަފާރިކުރުމަށް މަގުފަހިކުރުމަށް އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމެވެ.

ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލުގައި ރާއްޖެއަށް ގެނެވޭ އަދި ރާއްޖޭގައި ގެންގުޅޭ ޖަނަވާރުގެ ސިއްޙަތާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި އަދި ޖަނަވާރަށާއި ޖަނަވާރުގެ ޒަރީއާއިން އިންސާނުންނަށް ޖެހޭ ބަލިތަކުން ރައްކާތެރިކުރުމަށްޓަކައި ޖަނަވާރަށް ބޭސްފަރުވާ ކުރުމުގެ އުސޫލުތައް ވެސް ބިލުގެ ދަށުން ކަނޑައަޅާނެއެވެ. އަދި ރާއްޖެއަށް އެތެރެކުރާ ޖަނަވާރާއި ޖަނަވާރުގެ ބައިތަކާއި ކާނާއާއި ބޭސް އެތެރެކުރުމުގެ އުސޫލުތައް ވެސް ކަނޑައަޅާނެ އެވެ.

ރާއްޖެއަށް ޖަނަވާރު އެތެރެކުރުމަށާއި އެފަދަ ތަކެތި ގެންގުޅުމާއި ޖަނަވާރަށް ބޭނުންވާ ކާނާއާއި ބޭސް އެތެރެކޮށް ވިޔަފާރި ކުރުމަށް ރަޖިސްޓްރީވާން ޖެހޭނެ ކަމަށް ވެސް ބިލުގައި ފާހަގަކޮށްފައިވެ އެވެ.

ބިލުގައިވާ ގޮތުން ޕެޓަކާ މެދު އިހުމާލުވެއްޖެ ނަމަ އަދި ޖަނަވާރުގެ ޒަރީއާއިން ބައްޔެއް ފެތުރޭ ފަދަ އަމަލެއްކޮށްފި ނަމަ 10،000- 1،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. ގަވައިދާ ޚިލާފަށް ޖަނަވާރެއް އެތެރެކޮށްފިނަމަ 5،000-500،000ރ. އާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވޭނެ އެވެ.

މީގެ އިތުރުން ޤާނޫނާ ޚިލާފަށް ޖަނަވާރު ވިއްސައި އާލާކޮށް، ގާނޫނާ ޚިލާފަށް ޖަނަވާރު ގެންގުޅެ، ސާމްޕަލް އޮޅުވާލައި، ޖަނަވާރު ގެންގުޅެން ޖެހޭ މިންގަނޑުތަކާއި ޚިލާފު އަމަލުތައް ކޮށްފިނަމަ އެ އަމަލެއް ކުރި ފަރާތް 10،000-100،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ އެވެ. ޖަނަވާރަށް އަނިޔާއެއް ދީފިނަމަ ނުވަތަ އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރެއް އާންމު ތަންތަނަށް ދޫކޮށްލައިފިނަމަ 5،000-50،000ރ. ރުފިޔާއާ ދެމެދުގެ އަދަކުން ޖޫރިމަނާކުރެވޭ އިރު، ބިލުގައި ސީދާ އަދަބު ކަނޑައެޅިފައި ނުވާ ކަމެއް ދިމާވެއްޖެނަމަ 5،000-100،000ރ. އާ ދެމެދުގެ އަދަދަކުން ވެސް ޖޫރިމަނާ ކުރެވޭނެ އެވެ.