Last Updated: April 14, 20:08
Tuesday, April 15, 2025
ޚަބަރު

ގާޒާއަށް އެހީ ވެއްދުން ހުއްޓުވުން ކުށްވެރިކޮށްފި

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން- ފޮޓޯ: ރައީސް އޮފީސް

ގާޒާއަށް އިންސާނީ އެހީ ވެއްދުން އިޒްރޭލުން ހުއްޓުވުމުން އެކަން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ގާޒާއަށް އިންސާނީ އެހީ އެތެރެވުން ހުއްޓާލުމަށް އިޒްރޭލުން ނިންމި ނިންމުން ދިވެހި ސަރުކާރުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި މިއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކާ، އިންސާނީ ޙައްޤުތަކާ ކަނޑައެޅިގެން ޚިލާފު ޢަމަލެއް ކަމަށެވެ.

އިޒްރޭލުން ހިންގާ މިފަދަ ބޮޑެތި ޖަރީމާތައް ހުއްޓާލުމަށާއި، ބައިނަލްއަޤްވާމީ މުޖުތަމަޢުތައް ޖަވާބުދާރީ ކުރުވުމުގެ ނިޒާމުތައް ޒިންމާދާރު ކުރުވުމަށާއި، ގާޒާގެ ހުރިހާ ސަރަޙައްދަކަށް ރައްކާތެރިކަމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި އަދި ހުއްޓުމެއް ނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް މި ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.

މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި ޢަދުލުވެރި، ޞުލްޙަވެރި ޙައްލެއް ލިބޭނީ 1967 ގެ ކުރީގެ ސަރަޙައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމްކުރެވިގެންކަމުގައި ރާއްޖެއިން ދެކޭ ކަމަށްވެސް ބުނެފައިވެ އެވެ.