ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކުން މެންބަރުން އެއް ކޮމެޓީން އަނެއް ކޮމެޓީއަށް ބަދަލުކުރުމަކީ އާންމު ކަމެއް ކަމަށް ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އެންމެ މުހިންމު ކޮމެޓީތައް ކަމަށްވާ މާލިއްޔަތު ކޮމިޓީންނާއި، ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މިއަދު ވަނީ ވަކިކޮށްފަ އެވެ. އެ ދެ ކޮމިޓީން ވަކިކުރުމަށް ފަހު އަޒާން ވަނީ އިމްތިޔާޒާއި ސުލޫކު ކޮމިޓީއާއި ޕެޓިޝަން ކޮމިޓީއަށް ބަދަލުކޮށްފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ މަޖިލީހުގެ ކޮމެޓީތަކުން މެމްބަރުން އެއް ކޮމެޓީން އަނެއް ކޮމިޓީއަށް ބަދަލު ކުރުމަކީ ޕާލިމެންޓްރީ ގްރޫޕްތަކުގައި އަބަދުވެސް ހިނގާކަމެއް ކަމަށެވެ.
"ޕީޖީ ގުރޫޕުގެ އަދަދާއި ކޮމެޓީތަކުގެ އަދަދާއި، މެންބަރުން ކޮމެޓީގެ ހާޒިރީއަށް ދެއްވާ އަހައްމިއްޔަތުކަމާއި، ކޮމެޓީގެ މަސައްކަތަށް ދެއްވާ ސަމާލުކަން ފަދަ ކަންކަމުގެ މަައްޗަށް ބިނާކޮށް އެކި ކޮމެޓީތަކަށް އެކި މެންބަރުން އެކި އިރު ބަދަލު ގެނައުމަކީ 17، 18، އަދި 19 ވަނަ މަޖިލީހުގައި ވެސް އާންމުކޮށް ހިނގާފައި ހުންނަ ކަންކަން ކަމުގައި ދަންނަވާލަމެވެ،" ފަލާހު ވިދާޅުވި އެވެ.
ފަލާހު ވަނީ މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގައި ވެސް މިފަދަ ބަދަލުތައް ގެނެސްފައިވާ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ވެސް ކޮމެޓީތަކަށް އެ ވަގުތަކަށް ބޭނުންވާ ބަދަލުތަައް އަންނަމުންދާނެ ކަމަށް ވިދާޅުވެފަ އެވެ.
މަޖިލީހުގެ އެންމެ މުހިއްމު ދެ ކޮމެޓީން އަޒާން ވަކިކޮށްފައި މިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރަން ސަރުކާރުން ހުށަހެޅި ބިލަށް ވޯޓުދޭން އަޒާން ދެކޮޅު ހެދުމާއި ގުޅިގެން ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕުން އޭނާ ބޭރުކޮށްފައި ވަނިކޮށެވެ.