ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މިއަދު ރ.އަތޮޅު އިންނަމާދޫއަށް ވަޑައިގެން އެރަށު އިންޖީނުގެ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބަޖެޓްގައި ހިމެނިފައި ހުރި މަޝްރޫޢުތައް އެގޮތުގައި ނިންމުމަށް ސަރުކާރުން މަސައްކަތް ކުރަން އަންނަކަން ވަނީ ފާހަގަކުރައްވާފައެވެ.
ތަފާތު އެކި ސަބަބުތަކާއި ހެދި ބައެއް މަޝްރޫޢުތައް މެދު ކެނޑުނު ނަމަވެސް، ބަޖެޓްގައި ފައިސާ ހިމަނާފައިވާ މަޝްރޫޢުތައް ކަނޑައެޅިފައިވާ މުއްދަތަށް ނިންމަމުން ދޭތޯ ސަރުކާރުން ބަލަމުން ގެންދާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. ރ.އިންނަމާދޫ އިންޖީނުގޭ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވަނީ، އަތޮޅު ތެރޭގެ ގިނަ ރައްޔިތުން ތަކެއްގެ ފާޑުކިޔުން އެންމެ ބޮޑަށް އަމާޒުވި، މިނިވަން 50ގެ ހަރަކާތްތަކާއި ބެހޭގޮތުން ވެސް ވާހަކަ ދައްކަވާފައެވެ.
ރައީސް ޔާމީން ވިދާޅުވީ މިނިވަން 50 ފާހަގަކުރަން ބޭއްވި ހަރަކާތްތަކަށް ބޮޑު ހޭދައެއް ކުރައްވަން ޖެހުނު ނަމަވެސް އެކަމުގެ ސަބަބުން ބަޖެޓް ކުރެވިފައިވާ އެއްވެސް މަޝްރޫޢު އަކަށް އަސަރު ކޮށްފައި ނުވާ ކަމަށެވެ.
މީގެ އިތުރުން ބަޖެޓްގައި ހިމެނިފައި ހުރި މަޝްރޫއުތައް އެގޮތުގައި ނިންމާލުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަދި ބަޖެޓްގައި ފައިސާ ހިމަނާފައިވާ މަޝްރޫއުތައް އެ އޮންނަ މުއްދަތުގައި ނިންމަމުން ދޭތޯ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ބައްލަވަމުން ގެންދަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން މިގޮތަށް ވިދާޅުވެފައިވާއިރު، އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ގެނެސްފައި ހުރި 2 އިންޖީނެއް، މިނިވަން 50 ގެ ބޭނުމަށް ކަމަށް ބުނެ މާލެ ގެންދިއުމާއި ގުޅިގެން އައްޑޫ އިންޖީނުގެ ތަރައްޤީ ކުރުމުގެ މަޝްރޫޢު ވަނީ ހުއްޓިފައެވެ. އެއީ ތަރައްޤީގެ މަޝްރޫޢު އެއް ނޫން ބާވައެވެ؟
ދެން އޮތީ ހދ.ކުޅުދުއްފުށީގެ ވާހަކައެވެ. އެރަށުގެ މަގުތައް ހަދަން ގެންގޮސްފައި ހުރި ގިނަ އަދަދެއްގެ ގާތަކެއް، މިނިވަން50 ގެ ބޭނުމަށް ވަނީ މާލެ ގެނެވިފައެވެ. އެއާއި އެކު ހުއްޓިގެން ދިޔައީ ރައީސް ޔާމީނަށް "ތަރައްޤީގެ މަޝްރޫޢު" އަކަށް ނުވި އެ ރަށުގެ މަގުތައް ހެދުމުގެ މަޝްރޫޢުއެވެ.
ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަދައްކަވަމުން ރައީސް ޔާމީން އެހާބޮޑު އިތުރުފުޅެއް ހައްދަވާފާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އިތުރުފުޅެއް ނުހައްދަވާނަމަ ރައީސް ޔާމީން ހަނދުމަފުޅު ނެތުނީ ތޯއެވެ؟
ނަމަވެސް އެކި ސަބަބުތަކާ ހުރެ ބައެއް މަޝްރޫއުތައް މަޑުޖެހޭކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ އުސޫލުތަކެއްގެ ތެރެއިން އެފަދަ މަޝްރޫއުތައް ވެސް، ނުހުއްޓި ކުރިއަށް ދާނެ ގޮތަކަށް ކަންތައްތައް ރޭއްވެވުމަށެވެ.
ރައީސް ޔާމީން މި ގޮތަށް ވިދާޅުވެފައިވާ އިރު އައްޑޫ ސިޓީގެ ކަރަންޓާއި، ކުޅުދުއްފުށީ މަގު ހެދުމަކީ ސަރުކާރުގެ މަޝްރޫއުގެ ކެޓަގަރީގައި ނުހިމެނޭ މަޝްރޫއުތައް ތޯއެވެ. ނޫންނަމަ އެމަނިކުފާން އެމަޝްރޫއު މަތިން ހަނދާން ނެތުނީތޯއެވެ.