ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ ހުރި ދޯހަޅި ކަންތައްތަކުގެ ވާހަކަ އެންމެ ފުރަމަ ދައްކަން ފެށީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ މެންބަރުންނެވެ. ދިގު 30 އަހަރު ދުވަހު ވެރިކަން ކުރެއްވި ރައީސް މައުމޫންގެ ވެރިކަމުގައި ލިބެމުން ދިޔަ އަނިޔާތަކުގެ ވާހަކަ ދައްކަމުން ވުޖޫދަށް އައި އެމްޑީޕީގެ މެންބަރުން އަބަދުވެސް ބުނަމުން އައި ވާހަކައަކީ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމަކީ ވަކި ބަޔަކު ބޭނުންވާ ގޮތަށް ނިޔާކަނޑައަޅާ ނިޒާމެއް ކަމަށެވެ.
އެމްޑީޕީ މެންބަރުން ތުހުމަތު ކުރަމުން ގެންދިޔައީ ޝަރުޢީ ނިޒާމް އޮތީ ކުރީގެ ރައީސް މައުމޫން އާއި އެމަނިކުފާނަށް ވަފާތެރި ބޭފުޅުންގެ ބާރުގެ ދަށުގައި ކަމެވެ.
ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ ހުރި ބޮޑެތި މައްސަލަތަކުގެ ސަބަބުން އެންމެ ބޮޑު ހިތްދަތިކަމަކާއި ކުރިމަތިލާން ޖެހުނު ބަޔަކީ ވެސް އެމްޑީޕީގެ މެންބަރުންނެވެ. ސަބަބަކަށް ވީ ޝަރުޢީ ނިޒާމާއި ދެކޮޅަށް ވާހަކަ ދައްކަން ފެށި ފުރަތަމަ ފިކުރަކީ އެމްޑީޕީގެ ފިކުރު ކަމަށް ވީމައެވެ. އޭރު ރާއްޖޭގެ އެހެން ސިޔާސީ ޕާޓީތަކުގެ ބޭފުޅުންނަށް ޝަރުޢީ ނިޒާމުގެ ހުރި މައްސަލަތަކުގެ ވާހަކަ އެހާ ކަމުދާ ވާހަކަ އަކަށް ވެގެން ގޮސްފައެއް ނުވެއެވެ.
އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކުގެ މެންބަރުން ޤަބޫލުކުރަމުން އައިގޮތަކީ އެމްޑީޕީގެ ފަރާތުން ޝަރުޢީ ނިޒާމުގެ ދޯހަޅުކަމުގެ ވާހަކަ ދައްކަމުން ދިޔައީ އެ ޕާޓީގެ މެންބަރުންނާއި ދެކޮޅަށް އުފުލާފައިވާ ދަޢުވާތަކެއް "ހިތް އެދޭ" ގޮތަށް ކުރިއަށް ނުދާތީ އުފުލަމުން ދިޔަ އަޑުތަކެއްގެ ގޮތުގައެވެ.
ނަމަވެސް އެ ޤަބޫލުކުރުންތައް އެގޮތުގައި ދެމި އޮތީ، ރައީސް ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމްގެ މައްޗަށް ކުރެވުނު ޝަރީޢަތް ފެށުމާއި ހަމައަށެވެ.
ކާނަލް ނާޒިމްގެ މައްޗަށް ކުރެވުނު ޝަރީޢަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ދުވަސްވަރު ވެގެން ގޮސްފައިވަނީ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގައި ހުރި ބޮޑެތި މައްސަލަތައް، ރާއްޖޭގެ ރައްޔިތުންގެ އިތުރުން މުޅި ބައިނަލް އަގްވާމީ ދުނިޔެއަށް ވެސް ހާމަވެގެން ދިޔަ ދުވަސްވަރަކަށެވެ.
ޝަރީޢަތުގެ މަޖިލީހުގައި ތަފާތު އެކި ފަހަރު މަތިން ކާނަލް ނާޒިމްގެ ވަކީލުންނަށް ފަނޑިޔާރުންގެ ބެންޗުން އިންޒާރު ދިނުމާއި އެމަނިކުފާނުގެ ފަރާތުން ހުށަހެޅި ދިފާޢީ ހެކިތައް ބަލައި ނުގަތުން ވެސް ވެގެންދިޔައީ، ދިވެހިރާއްޖޭގެ ގިނަ ރައްޔިތުންނަށް ކޯޓުތަކުގެ ފެންވަރު ހާމަކޮށްދިން ކަމެއްގެ ގޮތުގައެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަބްދުﷲ މުޙައްމަދު ހައްޔަރުކުރި އިރު އެމްއެންޑީއެފްގެ އިސްވެރިޔަކަށް ހުންނެވީ ކުރީގެ ރައީސް ނަޝީދު ކަމުގައި ވިނަމަވެސް އެމަނިކުފާނުގެ މައްޗަށް ކުރެވުނު ޝަރީޢަތަކީ ވެސް ބޭއިންސާފުން ކުރިއަށް ގެންދެވުނު ޝަރީޢަތެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަން ޖެހުނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.
އެމަނިކުފާނު ކޯޓަށް ވެއްދުމަށް، ވަކި ހާއްސަ ދޮރެއް ޤާއިމްކުރުމާއި، ދައުވާއިން ދިފާޢުވުމަށް އެކަށީގެންވާ ފުރުސަތު ނުދިނުމުގެ އިތުރުން ޝަރީޢަތް ކުރިއަށް ގެންދިޔަ ސްޕީޑަކީ ވެސް ރާއްޖޭގެ ޝަރުޢީ ނިޒާމުގެ "ދޯހަޅިކަން" ރާއްޖޭގެ ރައްޔިތުންނަށް، އަދި މުޅި ދުނިޔެއަށް ވެސް ހާމަވެގެން ދިޔަ ކަމެކެވެ.
ދިވެހިރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރަކު ގަސްތުގައި، ޝަރީއަތުގެ އަޑުއެހުމެއް ގެއްލުވާލާނެ ކަމަށް ރާއްޖޭގެ ގިނަ ރައްޔިތުންނަށް ޤަބޫލެއް ނުކުރެވޭނެއެވެ. އެހެން ނަމަވެސް ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކު ވަނީ ކުރައްވާފައެވެ. އެއީ ކްރިމިނަލް ކޯޓުގައި ކާނަލް ނާޒިމްގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗްގައި ހިމެނިވަޑައިގެންނެވި، ފަނޑިޔާރު އަބްދުލް ބާރީ ޔޫސުފެވެ. ބާރީ ގެއްލުވާލީ، ލ. ގަމު މަންދަގޭ ހަސަން ޔޫސުފް މަސްތުވާތަކެތި ގެންގުޅުނު ކަމަށް ބުނެ ދައުލަތުން އުފުލި ދައުވާގެ ޝަރީޢަތުގެ އަޑު އެހުމެކެވެ.
އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ގާޒީ އަބްދުލް ބާރީ ޔޫސުފް ޙުކުމް ކޮށްފައިވަނީ ހަސަން ޔޫސުފްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ. ގާޒީ ބާރީ އަޑުއެހުން ގެއްލުވާލިކަން ފަޅާއެރީ، ކްރިމިނަލް ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ. އެ މައްސަލައިގައި ވެސް ގާޒީ ބާރީގެ މައްޗަށް ފިޔަވަޅެއް އަޅާފައި ނުވާއިރު، އެބޭފުޅާ ކްރިމިނަލް ކޯޓުގެ އިސް ގާޒީކަމަށް އައްޔަން ކުރަން އުޅޭ ކަމުގެ ވާހަކަތަކެއް ވެސް ދެކެވެމުން ދާކަން ފާހަގަކޮށްލެވެއެވެ.
ގާޒީ ބާރީ ގެއްލުވާލި އަޑުއެހުމާއި ގުޅޭ ހައި ކޯޓުގެ ގަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
(ގާޒީ ބާރީ ގެއްލުވާލި އަޑުއެހުން)
ދަށު ކޯޓުތަކުގެ ނިންމުންތައް މަތީ ކޯޓުތަކުގައި އިސްތިއުނާފް ކުރަން ލިބޭ 90 ދުވަހުގެ މުއްދަތާއި 180 ދުވަހުގެ މުއްދަތު އުވާލައި، 10 ދުވަހުގެ ތެރޭގައި އިސްތިއުނާފް ކުރަން ހުށަހަޅަންޖެހޭ ގޮތަށް ސުޕްރީމް ކޯޓުން ބަދަލު ގެނައީ ސީދާ ކާނަލް ނާޒިމާއި ރައީސް ނަޝީދަށް ޖެއްސުން ކުރުމުގެ ގޮތުން ކަމަށް އެބޭފުޅުންގެ ވަކީލުން ވަނީ ވިދާޅުވެފައެވެ.
ކުއްލިގޮތަކަށް ކޯޓުތަކުގެ ގާނޫނުގެ 15 ވަނަ މާއްދާ ބާތިލް ކުރުމާއި ކްރިމިނަލް ކޯޓުން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް ނުދީ ލަސްކުރުމުން ވަކީލުން ދައްކަމުން ދިޔަ ވާހަކަ ތަކުގެ ތެދުކަން ވަނީ ހާމަވެގެން ގޮސްފައެވެ.
ރައީސް ނަޝީދާއި ކާނަލް ނާޒިމްގެ މައްޗަށް ކުރެވުނު ޝަރީޢަތާއި އެކު ދިވެހިރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މާޔޫސްވި ނަމަވެސް ހަޤީޤަތުގައި އެއީ ދިވެހިރާއްޖޭގެ ގިނަ ރައްޔިތުންތަކެއް ޣާފިލްކަމުގެ ނިދިން ހޭލައްވާލި 2 ޝަރީޢަތެކެވެ.
ރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރެއަށް އަތް ބާނައިގެން އުޅުއްވަނީ ކޮންބޭފުޅުންނެއް ކަމާއި، ކޯޓުތަކުގައި ތިއްބެވި ފަނޑިޔާރުންގެ ފެންވަރަކީ ކޮބައިކަން ވެސް މިވަނީ ވަރަށް ރަނގަޅަށް ވެސް ހާމަވެގެން ގޮސްފައެވެ.