މިހާރު އެންމެ ކަމުދާ އެކްޓަރުންނަކީ ފިރިމީހާ ރަންބީރް ކަޕޫރާއި ވިކީ ކޯޝަލް ކަމަށް ބަތަލާ އާލިއާ ބަޓް ބުނެފި އެވެ.
އިންސްޓަގްރާމްގައި ކުރިއަށް ގެންދިޔަ ސުވާލާއި ޖަވާބު ސެޝަނެއްގައި ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ބަތަލާ ބުނީ މިހާރު އެންމެ އުފާވާ ކަމަކީ ފެވަރިޓް ދެ އެކްޓަރުންނާ އެކީ ފިލްމެއްގެ މަސައްކަތް ވެސް ކުރަމުން އަންނާތީ ކަމަށެވެ. އެ ފިލްމަކީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ އަސަރު ގަދަ ލޯބީގެ ފިލްމު "ލަވް އެންޑް ވޯ" އެވެ.
މި ފިލްމު ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.
"ލަވް އެންޑް ވޯ" އަކީ ރަންބީރާއި އަދި ވިކީއާ ވެސް އެކު އާލިއާ މަސައްކަތްކުރާ ދެވަނަ ފިލްމެވެ. ނެޝަނަލް އެވޯޑް ހޯދާފައިވާ ވިކީއާ އެކު އޭނަ ކުޅުނު ފުރަތަމަ ފިލްމަކީ 2018 ގެ "ރާޒީ" އެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ ވިކީ އަކީ އާލިއާގެ ފިރިމީހާ ރަންބީރްގެ ކުރީގެ ލޯބިވެރިޔާ އަދި މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފްގެ ކުރީގެ ފިރިމީހާކަމެވެ.
އާލިއާ ދާދި ފަހުން ވަނީ ބޮލީވުޑްގެ ބޮކްސް އޮފީހުގައި މިހާރު ރަސްކަން ކުރަމުން އަންނަ ވިކީގެ އެންމެ ފަހުގެ ފިލްމު "ޗާވާ" ގައި ހުނަރުވެރި އެކްޓަރު ދައްކާފައިވާ މޮޅު އެކްޓިން އަށް ތައުރީފު ވެސް ކޮށްފަ އެވެ.
ރަންބީރާ އެކު އާލިއާ ކުޅުނު ފުރަތަމަ ފިލްމަކީ ދެމަފިރިން ކައިވެނިކުރި އަހަރު ކަމަށްވާ 2022 ގެ "ބުރައްމަސްތުރާ" އެވެ.
އަންނަ އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ލަވް އެންޑް ވޯ" ގެ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާ ކަމަށް އާލިއާ ބުންޏެވެ. އަދި މި ފިލްމަކީ ބަންސާލީގެ ޖާދޫ އަނެއްކާ ވެސް ދައްކުވައި ދޭނެ ފިލްމެއް ކަމަށް އޭނަ ބުންޏެވެ.