ސުޕްރީމް ކޯޓަށާއި ޖުމްލަކޮށް ޝަރުއީ ދާއިރާ އަށް ސަރިކާރުން ނުފޫޒު ފޯރުވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށައެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
އެ މައްސަލަ ހުށައެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ ޑރ. އަހްމަދު ޝަމްހީދެވެ.
މައްސަލަ މަޖިލީހުން ބޭރުކޮށްލީ 46 މެންބަރުންގެ ވޯޓާއެކު އެވެ. އެ މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް 11 މެންބަރަކު ވޯޓް ދެއްވި އެވެ. ނަމަވެސް ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު، އަހުމަދު އަޒާން މަރުޒޫގް އެއްވެސް ކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ.
ޝަމްހީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި، މަޖިލިސް މެންބަރުންގެ މެންބަރުކަން ގެއްލުވައިލެވޭ ގޮތަށް މަޖިލީހުން ގާނޫނުއަސާސީ ބަދަލު ކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމާ ހަމައިން، އެ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ބުނެ ދައުލަތުން ވަކާލާތު ކުރުމާއި އެ މައްސަލަ ބެލޭނެ ކަމަށް ސުޕްރީމް ކޯޓަށް ނިންމުމުން ފަނޑިޔާރުންގެ އަދަދު މަދު ކުރެވޭ ގޮތަށް ކުއްލިއަކަށް މަޖިލީހަށް އިސްލާހެއް ހުށަހެޅުނު ވާހަކަ ވެސް ފާހަގަކޮށްފައިވެ އެވެ.