Last Updated: April 19, 21:11
Saturday, April 19, 2025
މުނިފޫހިފިލުވުން

ވިކްރަމްގެ އާ ފިލްމު މި މަހުގެ 21 ގައި

ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ބޮލީވުޑްގެ ޑައިރެކްޓަރު ވިކްރަމް ބަޓްގެ އާ ފިލްމު "ތުމް ކޯ މޭރީ ގަސަމް" މި މަހުގެ 21 ގައި ގެނެސްދޭން ނިންމައި އޭގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

މަރެއްގެ ހަގީގަތް ވެސް ހޯދަން ކުރާ މަސައްކަތްތަކެއް ދައްކުވައިދޭ އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައިދޭނެ މި ފިލްމުގެ މައިގަނޑު ކާސްޓްގައި ހިމެނެނީ އަދާ ޝަރުމާ، ސުޝާންތު ސިންގް، އީޝާ ޑިއޯލް، އަނޫޕަމް ކޭރް އަދި މެހްރްޒާން މަޒްދާ އެވެ. "ތުމް ކޯ މޭރީ ގަސަމް" އަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

"ގްލާމް" އާއި "ރާޒް" އަދި "ފަރޭބް" ފަދަ ފިލްމުތައް ގެނެސްދިން ވިކްރަމް އަސަރު ގަދަ ލޯބީގެ ފިލްމެއް މި ގެނެސްދެނީ ވަރަށް ދުވަސް ފަހުންނެވެ. މި ފަހުން އޭނަ މުޅިން ވެސް ހަދާފައި ވަނީ ލޯބީގެ ބިރުވެރި ފިލްމުތަކެވެ. އެގޮތުން އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2022 ގެ ބިރުވެރި ފިލްމު "ޖުދާ ހޯ ކޭ ބީ" އެވެ.

ފާހަގަކޮށްލެވޭ އަނެއް ކަމަކީ ވިކްރަމް މި ފަހުން މުޅިން ވެސް ފިލްމުތައް ހަދަނީ މާ މަޝްހޫރު ނޫން ކާސްޓުން ނަގައިގެންކަމެވެ.