Last Updated: April 14, 20:08
Tuesday, April 15, 2025
ޚަބަރު

ރައީސްގެ ހުއްދަ ނެތި ވެރިން މަޖިލީހަށް ހާޒިރުކުރުން މަނާކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުއްދަ ނެތި ވަޒީރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރު ނުކުރަން ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕަށް އަންގައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސްް މުއިއްޒުގެ ފަރާތުން އެ އެންގުން ޕީޖީ ލީޑަރު އިބްރާހިމް މެދުވެރިކޮށް އެ ގްރޫޕަށް އެންގީ މިދިޔަ ހަފްތާގަ އެވެ.

ރައީސް މުއިއްޒު މިފަދަ އެންގެވުމަށް ޕީއެންސީގެ ޕީޖީ ގްރޫޕަށް އަންގާފައިވާއިރު، ޕާޓީ ބަދަލު ކުރުމުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީއަށް ވަނީ ބަދަލެއް ވެސް ގެނެސްފަ އެވެ.

ގާނޫނު އަސާސީ އަށް ގެނައި އެ ބަދަލު ބާތިލުކޮށްދޭން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނިކޮށް، އޭސީސީން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކުއްލި ގޮތަކަށް ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދު އާއި މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑްކޮށްފަ އެވެ.

އެ ފަނޑިޔާރުން ސަސްޕެންޑް ކުރަން ނިންމީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ހުށަހެޅި ބިލު މަޖިލީހުން ފާސްކުރިތާ ކުޑައިރުކޮޅެއްގެ ފަހުންނެވެ.

ސަސްޕެންޝަނުގައި ހުންނެވި ސުއޫދު ވަނީ، މި މައްސަލައިގައި ރައީސް މުއިއްޒު ފަނޑިޔާރުންނަށް ބިރުދައްކަވާކަމަށް ވިދާޅުވެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.