Last Updated: April 14, 20:08
Tuesday, April 15, 2025
ޚަބަރު

ފަނޑިޔާރުންނަށް ބިރު ދައްކާތީ ތަހުގީގުކުރަން ގޮވާލައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ތަހުގީގު ކުރަން އެމްޑީޕީން ގޮވާލައިފި އެވެ.

ޕާޓީ ބަދަލުކުރުމުން މަޖިލީހުގެ މެމްބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ސަރުކާރުން ގެނެސްފައިވާ އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އެ ކޯޓުގެ ފަނޑިޔާރުންގެ ބަންޗަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކުރައްވައި އެ ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކައި އެ ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ވަކި ގޮތަށް ނިންމުމަށް ރައީސް ނުފޫޒު ފޯރުވަމުންދާ ކަމަށް ސުއޫދު ވިދާޅުވެފައިވާތީ އެ މައްސަލަ ތަހުގީގުކޮށް ފަނޑިޔާރުގެ މިނިވަން ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ދައުލަތުގެ ހުރިހާ އިދާރާތަކަށް ގޮވާލާ ކަމަށެވެ.

އަދި ޖޭއެސްސީއާއި އޭސީސީއަކީ ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ކޮމިޝަންތައް ކަމަށް ތުހުމަތުކޮށް، ފަނޑިޔާރުންނާ ގުޅޭ ގޮތުން މައްސަލަތައް ބަލަނީ އެއްވެސް އަސާސެއް ނެތި، ސަރުކާރުން ނުފޫޒު ފޯރުވައިގެން ކަމަށް ވެސް އެމްޑީޕީން ވަނީ ތުހުމަތުކޮށްފަ އެވެ.

"އާރާއި ބާރުވެރިކަން މިއަދު އޮތުމުން އެ މައްސަލަތައް ނުބެލޭނެ ކަމުގެ ޔަގީންކަން ރައީސަށް އޮތް ނަމަވެސް މުޅި ރާއްޖޭގެ ދުސްތޫރީ ނިޒާމު ފުނޑުފުނޑު ކޮށްލުމަށް އެ މަނިކުފާނު އިސްވެ ހުންނަވައި ދެމުންދާ ހަމަލާތައް ތަހުގީގުކޮށް ހަރުކަށި އަދަބު ދިވެހި ރައްޔިތުން ދޭނެކަން ހަނދުމަކޮށް އަރުވަމެވެ،" އެ ބަޔާނުގައިވެ އެވެ.

ދައުލަތުގެ ތިން ބާރު ވެސް ރައީސުލްޖުމްހޫރިއްޔާގެ އަތަށް މަހައިލުމަށް ވެރިކަން ކުރާ ޕާޓީން ހިންގަމުންދާ ޣައިރު ދުސްތޫރީ އަދި ޣައިރު ގާނޫނީ އަމަލުތަކާ ދެކޮޅަށް ތެދުވެ، އެ ކަންކަމާ މެދު މެެދުކެނޑުމެއް ނެތި އިހުތިޖާޖު ކުރުމަށް އެމްޑީޕީން ވަނީ ރައްޔިތުންނަށް ގޮވާލާފަ އެވެ.