Last Updated: April 23, 05:54
Wednesday, April 23, 2025
ޚަބަރު

ރޯދައިގެ ފައިދާ ހޯދަން ނަސޭހަތްތެރިވެއްޖެ

ރޯދަ މަހުގެ ފައިދާ އެންމެ ހެޔޮގޮތުގައި ހޯދަން މަސައްކަތް ކުރަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނަސޭހަތްތެރިވެވަޑައިގެންފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން އަބްދުއްރަހީމް ވިދާޅުވީ މި މަހުގެ ފައިދާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ހޯއްދެވުމަށްޓަކައި ހުރިހާ މެމްބަރުން މަސައްކަތް ކުރެއްވުމަށް ހަނދުމަފުޅުކޮށް އަރުވާ ކަމަށެވެ. އަދި މުއުމިނުންނަށް ހަނދާން ކޮށްދިނުމަކީ ފައިދާކުރަނިވި ކަމެއްކަން އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ.

ރޯދަ މަހަކީ އެހެން ހުރިހާ މަހަކަށްވުރެ އަޅުކަމަށް ހާއްސަވެގެންވާ މަހެއްކަމުން، އެ މަހުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށްވެސް ވަނީ އެދިވަޑައިގެންފަ އެވެ.

"މާތް ﷲ އަޅުގަނޑުމެންނަށް މި ދެއްވި މަތިވެރި ނިއުމަތް، އެއީ ރަމަޟާން މަހާ ބައްދަލުވުމުގެ ހެޔޮ ނިއުމަތް މިންވަރު ކުރެއްވީމަ އެކަމަށް ޝުކުރުވެރިވުމަކީ އެ މަހުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުން ކަމަށް ދަންނަވަން. އެކަމަށް އަދިވެސް އެއްފަހަރު ނަސޭހަތްރިވަން،" މަޖިލިސް ރައީސް ވިދާޅުވި އެވެ.