Last Updated: April 23, 05:54
Wednesday, April 23, 2025
ޚަބަރު

ރައީސް މަޖިލީހަށް ހާޒިރު ކުރެވޭނެ ނިޒާމެއް ބޭނުންވޭ

ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން - ފޮޓޯ: ދެން

ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރެވޭނެ ނިޒާމެއް އެކުލަވާލަންޖެހޭ ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަލީ ހުސެއިން ވިދާޅުވީ ސީދާ ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހާޒިރުކޮށް ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް އެކުލަވާލަންޖެހޭ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ އަކީ ރަސްގެފާނެއް ނޫން،" އަލީ ހުސެއިން ވިދާޅުވި އެވެ.

އަލީ ހުސެއިން މިހެން ވިދާޅުވި އިރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުއްދަ ނެތި ވަޒީރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރު ނުކުރަން ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕަށް ވަނީ އަންގައިފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސްް މުއިއްޒުގެ ފަރާތުން އެ އެންގުން ޕީޖީ ލީޑަރު އިބްރާހިމް މެދުވެރިކޮށް އެ ގްރޫޕަށް އެންގީ މިދިޔަ ހަފްތާގަ އެވެ.

ރައީސް މުއިއްޒު މިފަދަ އެންގެވުމަށް ޕީއެންސީގެ ޕީޖީ ގްރޫޕަށް އަންގާފައިވާއިރު، ޕާޓީ ބަދަލު ކުރުމުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީއަށް ވަނީ ބަދަލެއް ވެސް ގެނެސްފަ އެވެ.

ގާނޫނު އަސާސީ އަށް ގެނައި އެ ބަދަލު ބާތިލުކޮށްދޭން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނިކޮށް، އޭސީސީން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކުއްލި ގޮތަކަށް ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދު އާއި މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑްކޮށްފަ އެވެ.

ސަސްޕެންޝަނުގައި ހުންނެވި ސުއޫދު ވަނީ، މި މައްސަލައިގައި ރައީސް މުއިއްޒު ފަނޑިޔާރުންނަށް ބިރުދައްކަވާ ކަމަށް ވިދާޅުވެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ހިޔާލު ފާޅުކުރައްވާ 2ކޮމެންޓް