ސައްހަ ވިސާއާއެކު މަސައްކަތް ކުރާ ބިދޭސީންގެ އަދަދު އިތުރުވަމުންދާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރޯދަ މަހަށް ހާއްސަ ކޮށްގެން މާލޭގެ މާރުކޭޓުތަކުގައި އިމިގްރޭޝަންގެ ހާއްސަ ރެއިޑް އޮޕަރޭޝަނެއް ހިންގުނު ކަމަށާއި މި އޮޕަރޭޝަންގައި މާރުކޭޓުތަކުގައި ސައްހަ ވިސާއާއެކު މަސައްކަތް ކުރާ ބިދޭސީންގެ އަދަދު އިތުރުވެފައިވާކަން ހާމަވެފައިވާ ކަމަށެވެ.
އިމިގްރޭޝަނުން ބުނީ ރޯދައާއި ދިމާކޮށް މާލޭގެ މާރުކޭޓުތަކުގައި ބިދޭސީން އަތްގަދަކޮށް ގަވައިދާ ހިލާފަށް ވިޔަފާރި ކުރާކަމުގެ މައުލޫމާތު އިމިގްރޭޝަން ވޮޗަށް ލިބިފައިވާކަމަށާއި އެއާއެކު އިމިގްރޭޝަންގެ ރެއިޑުގެ ތެރެއިން ފުރަތަމަ ބަލާ ފާސްކުރީ ކުދި މާރުކޭޓުތައް ކަމަށެވެ. އެގޮތުން މިދިޔަ ފެބްރުއަރީ 18 ވަނަ ދުވަހު 5 ތަނެއް ބަލާ ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.
އެއާއެކު އިމިގްރޭޝަނުން ބުނީ ދެން ބަލާ ފާސްކުރީ މާލޭގެ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު ކަމަށެވެ. މި އޮޕަރޭޝަން ހިންގުމުގެ ދެ ދުވަސް ކުރިން އިމިގްރޭޝަންގެ އޮފިސަރުން ބިދޭސީން ތިބި ގޮޅިތައް ސިއްރުން ދެނެގަނެފައިވާ ކަމަށާއި އެއަށްފަހު ފެބްރުއަރީ 24 ވަނަ ދުވަހު އަލުން އެ ގޮޅިތައް ބަލާ ބިދޭސީންގެ ލިޔެކިޔުންތައް ޗެކް ކޮށްފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރޭގައި މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު އަތުލައިގެންފައިވެ އެވެ. އަދި އޭގެ ތެރެއިން 5،000 އަށް ވުރެ ގިނަ މީހުން މިހާތަނަށް ޑިޕޯޓްކޮށްފައިވެ އެވެ.