އާމްދަނީ ހޯދަން ދުނިޔޭގެ ބާޒާރަށް ދޫނި ވިއްކުމަކީ ރަނގަޅު ކަމެއް ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) ވިދާޅުވެއްޖެ އެވެ.
ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލަށް ބަހުސް ކުރައްވަމުން އައިބީ ވިދާޅުވީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ރާއްޖެއަށް ވެސް އެކިއެކި ޖަނަވާރުތައް އިމްޕޯޓު ކުރާ ކަމަށާއި ރާއްޖޭގައި ވެސް ދުނިޔޭގެ ބާޒާރުގައި ވިއްކާލެވޭނެ ވަރަށް ގިނަ ދޫނިސޫފާސޫފި އެބަހުރި ކަމަށެވެ.
"މިއީ ރާއްޖެއަށް އާމްދަނީއެއް ލިބޭގޮތަށް ބަލާލާއިރު ވެސް އެންމެ ރަނގަޅު، އެކަށީގެންވާ ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން. އެހެންނަމަވެސް އަޅުގަނޑުމެންގެ ތެރެއިން މިކަން މިހާތަނަށް ނުވެފައި އަތްދަށުން ގޮސްފައި އޮތީ ކީއްވެގެން ކަމެއް އަޅުގަނޑަކަށް ނޭނގޭ ދަންނަވާކަށް،" އައިބީ ވިދާޅުވި އެވެ.
އައިބީ ވަނީ މިކަހަލަ ވަރަށް ގިނަ ކަންތައްތައް ހޯދައ،ި ބަލައ،ި ދިރާސާކޮށ،ް މަޖިލީހުން ނިންމަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
ސަރުކާރުގެ ފަރާތުން ބިލު މަޖިލީހަށް ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެންބަރު މުޙައްމަދު އަބްދުއްރަޙްމާނެވެ.
މި ބިލުގެ މަގުސަދަކީ ރާއްޖޭގައި ދެމެހެއްޓެނިވި އަދި ރައްކާތެރި ގޮތެއްގައި ޖަނަވާރު ގެންގުޅުމާއި ވިއްސައި އާލާކުރުމާއި ވިޔަފާރިކުރުމަށް މަގުފަހިކުރުމަށް އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމެވެ.
ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލުގައި ރާއްޖެއަށް ގެނެވޭ އަދި ރާއްޖޭގައި ގެންގުޅޭ ޖަނަވާރުގެ ސިއްޙަތާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި އަދި ޖަނަވާރަށާއި ޖަނަވާރުގެ ޒަރީއާއިން އިންސާނުންނަށް ޖެހޭ ބަލިތަކުން ރައްކާތެރިކުރުމަށްޓަކައި ޖަނަވާރަށް ބޭސްފަރުވާ ކުރުމުގެ އުސޫލުތައް ވެސް ބިލުގެ ދަށުން ކަނޑައަޅާނެ އެވެ. އަދި ރާއްޖެއަށް އެތެރެކުރާ ޖަނަވާރާއި ޖަނަވާރުގެ ބައިތަކާއި ކާނާއާއި ބޭސް އެތެރެކުރުމުގެ އުސޫލުތައް ވެސް ކަނޑައަޅާނެ އެވެ.
ރާއްޖެއަށް ޖަނަވާރު އެތެރެކުރުމަށާއި އެފަދަ ތަކެތި ގެންގުޅުމާއި ޖަނަވާރަށް ބޭނުންވާ ކާނާއާއި ބޭސް އެތެރެކޮށް ވިޔަފާރި ކުރުމަށް ރަޖިސްޓްރީވާން ޖެހޭނެ ކަމަށް ވެސް ބިލުގައި ފާހަގަކޮށްފައިވެ އެވެ.
ބިލުގައިވާ ގޮތުން ޕެޓަކާ މެދު އިހުމާލުވެއްޖެ ނަމަ އަދި ޖަނަވާރުގެ ޒަރީއާއިން ބައްޔެއް ފެތުރޭ ފަދަ އަމަލެއްކޮށްފި ނަމަ 10،000- 1،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. ގަވައިދާ ޚިލާފަށް ޖަނަވާރެއް އެތެރެކޮށްފިނަމަ 5،000-500،000ރ. އާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވޭނެ އެވެ.