އައްޑޫ ސިޓީ ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެން މުނިސިޕަލް ހިދުމަތްތަކުގައި ބޭނުން ކުރަން ގެނައި 4 ޕިކަޕުގެ ތެރެއިން، ހައުސިން މިނިސްޓްރީ އާއި ހަވާލުކުރި 2 ޕިކަޕަކަށް ވީނުވީއެއް ނޭނގި ގެން އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ ހައުސިން މިނިސްޓްރީގެ މުނިސިޕަލް ސާވިސް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ މުވައްޒަފުން ކަންބޮޑުވުން ފާޅުކުރަމުން އެބަގެންދެއެވެ.
'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން އެތަނުގެ މުވައްޒަފަކު ބުނިގޮތުގައި، 2 ޕިކަޕަށް ވީނުވީއެއް ނޭނގޭ ކަމަށާއި، އެކަމުގެ ސަބަބުން މުނިސިޕަލް ސާވިސްގެ މަސައްކަތްތައް އެއްކޮށް ހުއްޓިފައިވާ ކަމަށެވެ.
"ޕިކަޕްތައް މިހާރު ގެންދިޔަ ތަނެއް ނޭނގޭ އަޅުގަނޑަކަށް. ޒިޔާދަށް ގުޅާލައްވާ. ޕިކަޕް ނެތިގެން ހިތަދޫ މަގު ވެސް ސާފު ނުކުރެވިގެން މިއުޅެނީ "، ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކޮށް 'އައްޑޫލައިވް' އާއި ވާހަކަ ދެއްކި މުވައްޒަފަކު ބުންޏެވެ.
އައްޑޫ ސިޓީގެ މުނިސިޕަލް ހިދުމަތްތަކުގައި ބޭނުން ކުރަން ކައުންސިލުގެ ބަޖެޓުން ޚަރަދުކޮށްގެން ގެނައި ޕިކަޕްތައް މިދިޔަ މަހުގެ 6 ވަނަ ދުވަހުން ފެށިގެން ވަނީ ހައުސިން މިނިސްޓްރީއާއި ހަވާލުކޮށްފައެވެ.
ހައުސިން މިނިސްޓްރީއާއި އެ ޕިކަޕްތައް ހަވާލުކޮށްފައިވަނީ، ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހެއްގެ ސަބަބުން ސިޓީ ކައުންސިލްގެ ބައެއް މަސްއޫލިއްޔަތުތައް ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުވެގެން ދިއުމުންނެވެ.
ހައުސިން މިނިސްޓްރީ އިން ހިތަދޫގައި ޤާޢިމްކޮށްފައިވާ، ލޭންޑް، ބިލްޑިންގެ އެންޑް މުނިސިޕަލް ސާވިސް ޑިޕާޓްމެންޓަށް ގުޅާލުމުން އެތަނުގެ މުވައްޒަފުން ވަނީ އެކަމާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް އިންކާރުކޮށްފައެވެ.
މީޑިއާތަކަށް އެއްވެސް މައުލޫމާތެއް ދޭނީ ތަނުގެ އިސްވެރިން ކަމަށާއި އެނޫން ގޮތަކަށް އަމަލުކޮށްފި ނަމަ ވަޒީފާއިން ވަކިކޮށްފާނެ ކަމަށާއި، އިސްވެރިންނާއި ނުގުޅޭ ނަމަ މައުލޫމާތު އޮޅުންފިލުވުމަށް މާލޭ އޮފީހަށް ގުޅައިގެން މައުލޫމާތު ލިބިދާނެ ކަމަށް މުވައްޒަފުން ވަނީ ބުނެފައެވެ.
ޕިކަޕްތައް ގެއްލުނު ކަމަށް ބުނާ މައްސަލަ އާއި ގުޅޭ ގޮތުން ހައުސިން މިނިސްޓްރީގެ އައްޑޫ އޮފީހުގެ އިސްވެރިންނާއި ގުޅުމަށް 'އައްޑޫލައިވް' އިން ކުރި މަސައްކަތް އެބޭފުޅުން ފޯނަށް ޖަވާބު ނުދެއްވާތީ ކާމިޔާބު ވާގޮތް ވަނީ ނުވެފައެވެ.
އައްޑޫ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހައުސިން މިނިސްޓްރީ އިން އެދިގެން އެފަރާތާއި ހަވާލުކޮށްފައިވާނީ ޖުމްލަ 4 ވެހިކަލް ކަމަށާއި، އެއީ 2 ވޭނާއި 2 ޕިކަޕް ކަމަށެވެ.
ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި، ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެން ގެނައި 4 ޕިކަޕްގެ ތެރެއިން 2 ޕިކަޕް މިހާރު ވެސް ވަނީ ކައުންސިލްގެ ބެލުމުގެ ދަށުގައި ކަމަށެވެ. އެއީ ހުޅުމީދޫގައި ބޭނުންކުރާ ޕިކަޕަކާއި މަރަދޫގައި ބޭނުން ކުރަމުން އަންނަ ޕިކަޕެކެވެ.