ހިޔާލުފާޅުކުރަން ފުރުސަތު އޮތް ނަމަވެސް ބައިބައިވުން އުފެދިގެން ނުވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ގޮތުން މައުމޫން ފައުންޑޭޝަނުން ރޭ ބޭއްވި އިހްޔާ ފޯރަމްގައި ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ އިސްލާމްދީނަކީ ހިޔާލުފާޅުކުރުމުގެ އުސޫލަށް ވަރަށް ބޮޑަށް ތާއީދުކުރާ ދީނެއް ކަމަށާއި އިސްލާމްދީނުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އިންތިހާއަށް އެބައޮތް ކަމަށެވެ.
އިސްލާމްދީނުގައި މަޒްހަބްތައް ވަރަށް ގިނަކަން ފާހަގަކުރައްވަމުން މައުމޫން ވިދާޅުވީ މަޒްހަބްތައް އުފެދުމަކީ ބައިބައިވުން އުފެދުން ނޫން ކަމަށާއި އޭގެއިން ދައްކުވައިދެނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޮޑުކޮށް އޮތް މިންވަރު ކަމަށެވެ. އެގޮތުން ހިޔާލުތަފާތު ވިޔަސް ބައިބައިވުން އުފެދިގެން ނުވާނެ ކަމަށްވެސް މައުމޫން ވިދާޅުވި އެވެ.
"ހިޔާލުފާޅުކުރުން ކިތަންމެ މިނިވަންކަމާއެކު އޮތަސް އޭގެ ސަބަބުން އަޅުގަނޑުމެންގެ މެދުގައި ބައިބައިވުން އުފެދިގެން ނުވާނެ. ދެކޮޅުވެރިކަން އުފެދިގެން ނުވާނެ. އެންމެން ވެސް ވާންޖެހޭނީ ހަމަ އަހުންތަކެއްގެ ގޮތުގައި،" މައުމޫން ވިދާޅުވި އެވެ.
ރޯދަ މަހުގެ ރޭތައް އިހުޔާކުރަން މައުމޫންގެ ވެރިކަމުގެ ތެރޭގައި ފެށި އިހްޔާ ފޯރަމް އިސްލާމިކް މިނިސްޓްރީން އަބަދު ވެސް ކުރިއަށް ގެންދެ އެވެ. އެގޮތުން އިހްޔާ ޖަލްސާތައް ކުރިން މާލޭގައި އެކަނި ބާއްވަމުން އައި ނަމަވެސް މިހާރު އެކަން ފުޅާކޮށް، އިހްޔާ ފޯރަމް އަންނަނީ އަތޮޅު ތެރޭގައި ވެސް ބާއްވަމުންނެވެ.
އެގޮތުން މި އަހަރު މާލެއާ އެކު 7 ރަށެއްގައި އިހްޔާ ފޯރަމް އޮންނާނެ އެވެެ.