ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަންނަ ހަފުތާގައި ބާއްވަން ނިންމައި ކުލަބުތަކަށް ނޯޓިސް ފޮނުވައިފި އެވެ.
ނޯމަލައިޒޭޝަން ކޮމިޓީގެ ބެލެމުގެ ދަށުން ބާއްވާ ފުރަތަމަ ކޮންގްރެސް އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ. މި ކޮންގްރެސްގައި އެފްއޭއެމްގެ ކޮމިޓީތަކަށް މެމްބަރުން އައްޔަންކޮށް،އެފްއޭއެމްގެ އޮޑިޓް ކުރުމަށް ރަސްމީކޮށް އޮޑިޓަރުން ވެސް ހަމަޖައްސާނެ އެވެ.
އެފްއޭއެމްގެ ނޯމަލައިޒް ކޮށްފައިވަނީ އަސާސީ ގަވާއިދާ ހިލާފަށް ބޭއްވި ކޮންގްރެސް ފީފާ އިން ގަބޫލު ނުކުރުމުންނެވެ. ދެ ފަހަރެއްގެ މަތީން އިންތިހާބު ބާއްވަން އުޅެ އެކަން ކާމިޔާބު ނުވެ، ފުޓްބޯޅައިގެ މަސްލަހަތު ގެއްލުމުންނެވެ.
ފީފާއިން އައްޔަންކުރި ނޯމަލައިޒޭޝަން ކޮމިޓީގައި އެންމެ ފުރަތަމަ ތިއްބެވީ ފަސް ބޭފުޅުންނެވެ. ނަމަވެސް އެ ކޮމިޓީގެ ޗެއާމަން އަޙހިމަދު ޒުހޫރާއި ކޮމިޓީގެ މެމްބަރު އަހުމަދު އަލީ ވަކިކޮށްފައިވެ އެވެ.
ނޯމަލައިޒޭޝަން ކޮމިޓީގެ މިހާރުގެ ޗެއާމަނަކީ ގާނޫނީ ވަކީލު އަހުމަދު މުއިއްޒެވެ.