ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި ހުސްނުއްސުއޫދަކީ ސުޕްރީމް ކޯޓުގައި ހުންނަވަން އެންމެ ގާބިލު، ގާނޫނީ ވަރުގަދަ އެއް ސިކުނޑި ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ޖަމީލު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވައި، ފަނޑިޔާރުންނަށް ބިރު ދައްކައި، ސުއޫދު ވެސް ހިމެނޭ ގޮތަށް ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށްފައިވާތީ އެކަމަށް ފާޑު ވިދާޅުވެ، ޖަމީލު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހާ ހިލާފަށް ސުޕްރީމް ކޯޓުގެ ދައުރު ވަރަށް ތަފާތު ތަފާތު ކަމަށާއި ދުސްތޫރީ ގޮތުން ގާނޫނު އޮތްގޮތް ކަނޑައެޅުމުގެ ސީދާ ބާރު އެ ކޯޓަށް ދީފައިވާ ކަމަށެވެ.
އެގޮތުން މަޖިލިސް މެމްބަރުގެ ގޮނޑި ގެއްލުމާއި ރައީސުލްޖުމްހުރިއްޔާ އަޒުލު ކުރުމާއި ކުއްލި ނުރައްކަލުގެ ގަރާރުގެ ސައްޙަކަމާއި މަޖިލީހިހުން އިސްތިޝާރީ ލަފާ ހޯދުން ފަދަ ކަންތައްތައް ސުޕްރީމް ކޯޓަށް ނޫން ތަނަކަށް ނުބެލޭނެ ކަމަށް ޖަމީލު ވިދާޅުވި އެވެ.
ކަން މިހެން އޮތް ނަމަވެސް ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފާޑު ވިދާޅުވެ ސުއޫދު އިސްތިއު ދެއްވައި ދެއްކެވި ވާހަކަތަކުން އެނގެނީ ސާފުކޮށް ގާނޫނުއަސާސީއާ ރައީސް މުއިއްޒު ޚިލާފުވެފައިވާކަން ކަމަށް ޖަމީލު ވިދާޅުވި އެވެ.
"ދުސްތޫރީ ނިޒާމުގައި ރައީސަށްވެސް އޮންނަނީ ވަކި ދައުރެއް،" އޭނަ ވިދާޅުވި އެވެ. "ކަނޑައެޅިފައިވާ ދާއިރާއިން ބޭރަށް ނުދެވޭނެ."
ޖަމީލު ވިދާޅުވީ ސުޢޫދަކީ ކިޔެވި އިރު ވެސް ވިސްނުންތޫނު ބޭފުޅެއް ކަމަށެވެ.
"އަޅުގަނޑު ޚިޔާލު ތަފާތު ބޮޑެތި ނިންމުން ފަނޑިޔާރެއްގެ ގޮތުގައި ނިންމަވާފައި އެބަހުރި. އެކަމަކު، އެއީ މި ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގައި ހުންނަން އެންމެ ގާބިލު އެއް ގާނޫނީ ވަރުގަދަ ސިކުނޑިއެއް." އޭނަ ވިދާޅުވި އެެވެ.