ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމަށްވާ އަބީޝެކް ބައްޗަނާއި އައިޝްވާރިއާ ރާއީ އެކީގައި ނުފެންނަތާ ދުވަސްތަކެއް ފަހުން އެކީގައި ހަފުލާއަކުން ފެނިއްޖެ އެވެ.
އެ ދެ މީހުންގެ ވަރީގެ ވާހަކަ މި ފަހުން ވަރަށް ބޮޑަށް މީޑިއާތަކުގައި ދަނީ ދެކެވެމުންނެވެ. އެގޮތުން ދެމަފިރިން ވަކިން އުޅޭ ވާހަކަ އާއި ބަތަލާ ނިމްރަތު ކޯރް އާއި އަބީޝެކް ރައްޓެހިވެގެން އުޅޭކަމުގެ ވާހަކަތަކެއް ވެސް ދެކެވިފައިވެ އެވެ.
އައިޝްވާރިއާ އާއި އަބީޝެކް އެކީގައި އިއްޔެ ރޭ ފެނިގެން ދިޔައީ ޑައިރެކްޓަރު އަޝުތޯޝް ގޮވަރިކާގެ ފިރިހެން ދަރިފުޅު ކޮނާކް ގޮވާރިއާގެ ކައިވެނި ޕާޓީގެ ތެރެއިންނެވެ. ކުލަ ގުޅޭ ގޮތަށް ހެދުން ވެސް އަޅައިގެން ދެމަފިރިން ހަފުލާ އަށް ދިޔައީ ވެސް އެކީގަ އެވެ.
އެ ހަފުލާގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް ބައެއް މީޑިއާތަކުން ގެނެސްދީފައިވެ އެވެ.
ހަފުލާގައި ބޮލީވުޑްގެ ވަރަށް ގިނަ ބަޔަކު ބައިވެރިވި އިރު، އޭގެ ތެރޭގައި އަބީޝެކްގެ މައިންބަފައިން ކަމަށްވާ އަމީތާބް ބައްޗަނާއި ޖަޔާ ބައްޗަން ވެސް ހަފުލާ އަށް ހާޒިރުވި އެވެ.
އަބީޝެކާއި އައިޝްވާރިއާ އަކީ ވެސް ޑައިރެކްޓަރު އަޝުތޯޝްއާ އެކީ މަސައްކަތްކޮށްފައިވާ ދެ ތަރިންނެވެ. އޭނައާ އެކީ އައިޝްވާރިއާ މަސައްކަތްކުރި ފިލްމަކީ ރިތިކް ރޯޝަން ބަތަލުގެ ރޯލު ކުޅުނު 2008 ގެ "ޖޯދާ އަކްބަރް" އެވެ. އަޝުތޯޝްއާ އެކު އަބީޝެކް މަސައްކަތްކުރި ފިލްމަކީ ދީޕިކާ ޕަދްކޯން ބަތަލާގެ ރޯލު ކުޅުނު 2010 ގެ "ކޭލޭ ހަމް ޖީ ޖާން ސޭ" އެވެ.
އައިޝްވާރިއާ އާއި އަބީޝެކް ކައިވެނިކުރީ 2007 ގަ އެވެ. އެ މީހުންގެ ދަރިއަކީ މިހާރު އުމުރުން 14 އަހަރު އަރާދިއާ ބައްޗަން އެވެ.