Last Updated: April 14, 20:08
Tuesday, April 15, 2025
ޚަބަރު

ސުއޫދަކީ ސިޔާސީ އެކްޓިވިސްޓެއް: ޕީއެންސީ

ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ސަސްޕެންޑްކޮށްފައި ވަނިކޮށް އިސްތިއުފާ ދެއްވު ސުޕްރީކް ކޯޓްގެ ފަނޑިޔާރު ހުސްނުއް ސުއޫދަކީ ސިޔާސީ އެކްޓިވިސްޓެއް ކަމަށް ވެރިކަން ކުރާ ޕާޓީ، ޕީއެންސީން ބުނެފި އެވެ.

އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އޭނަ އިސްތިއުފާ ވެސް ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްތަށިފުޅުގައި އެއްވެސް އަސްލެއް ނެތް ތުހުމަތުކެއް އަޅުއްވާފައި ކަމަށެވެ.

ސުއޫދު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައި ރައީސް މުއިއްޒަށް ސުއޫދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ މައްސަލަ ބެލުމުގެ އިހްތިސާސް ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށް އެ ކޯޓުން ނިންމުމާއެކު، ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީއާ ހިލާފަށް ރާއްޖޭގެ އަދުލު އިންސާފުގެ ބާރަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.

އަދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އެ މައްސަލަ އެ ކޯޓުގައި ބެލުން ހުއްޓުވުމުގެ ގޮތުން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް މަޖިލީހުން ބިލެއް ފާސްކޮށް، ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެއިތުރުން ކޯޓަށް ހުށަހަޅާފައިވާ އެ މައްސަލަ ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ނިންމަން ގާނޫނުއަސާސީގެ 144 ގެ ނ. އާއި ރ. އާ ހިލާފަށް ސުޕްރީމް ކޯޓަށް އެމަނިކުފާނު ނުފޫޒު ފޯރުވަމުން ގެންދަވާ ކަމަށްވެސް ސުއޫދު ވަނީ ތުހުމަތުކުރައްވާފަ އެވެ.

މިކަމާ ގުޅިގެން ޕީއެންސީން ބުނީ ސުއޫދު އިސްތިއުފާ ދެއްވުމުގައި ގެންގުޅުއްވީ މަގާމަށް ވަޑައިގަތުމުގެ ކުރިން ވެސް ގެންގުޅުއްވި ސިޔާސީ އެކްޓިވިޒަމްގެ އުސޫލު ކަމަށެވެ. އަދި ރައީސުލްޖުމްހުރިއްޔާގެ އިސްތަށިފުޅުގައި އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއް އެޅުވުމަށްޓަކައި ސުއޫދު ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ވެެދެވަޑައިގެން ހުންނެވި ކަމަށް ޕީއެންސީން ދެކޭ ކަމަށް އެ ޕާޓީން ބުންޏެވެ.

"ފަނޑިޔާރުކަމުގެ މަގާމުގައި ވެސް އަދި މަގާމުން ވަކިވެވަޑައިގަތުމުގައި ވެސް ފަނޑިޔާރުން ސިޔާސީ ވިސްނުމާއި އެކްޓިޒަމްގެ އުސޫލު އިސްކުރުމަކީ ގާނޫނު ނިޒާމު ދަންނަ ކަމެއް ނޫން،" ޕީއެންސީން ބުންޏެވެ. "އަދި އެއީ މުޅި ޖުޑިޝަރީގެ އިތުބާރު ގެއްލި ޝަރުއީ ދާއިރާ ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ވަނުމަށް ހިތްވަރު ލިބޭ ފަދަ މައްސަލައެއް."

އެ ޕާޓީން ބުނީ ކުރިން އެމްޑީޕީގައި އުޅުއްވި ސުއޫދާއި އަދި ސުޕްރީމް ކޯޓްގެ އެހެން ފަނޑިޔާރުންނާ މެދު އަމަލު ކުރެވެމުން އަންނަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި އެކަށައަޅާފައިވާ އޮނިގަނޑުގައި ބަޔާންކުރާ އުސޫލުގެ ތެރެއިން ކަމަށެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިދިޔަ މަހުގެ 26 ގައި ކުއްލި ގޮތަކަށް ސަސްޕެންޑްކުރީ ސުއޫދުގެ އިތުރުން މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރެވެ.

އެ ފަނޑިޔާރުން ސަސްޕެންޑްކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް މަދުކުރަން ހުށަހެޅި ބިލު މަޖިލީހުން ފާސްކުރިތާ ކުޑައިރުކޮޅެއްގެ ފަހުންނެވެ.