ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު އެއް ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން ބުނީ މިތަކެތި އަތުލައިގަނެފައިވަނީ އިއްޔެ ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައި ފާސްކުރަމުން ދިޔައިރު އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ޝައްކުކުރެވިގެން އިތުރަށް ޗެކްކުރުމުގެ ތެރޭގައި ކަމަށެވެ.
ޕެކޭޖުގައި ހުރި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރިއިރު ކެނަބިސްއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.
މި ތަކެތީގެ ބަރުދަނުގައި ޕެކިނާއިއެކު ޖުމްލަ 1.070 ކިލޯގްރާމް ހުރިއިރު މިތަކެތީގެ މަގުމަތީ އަގަކީ 856,000 ރުފިޔާ ކަމަށް ލަފާކުރެވޭ ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމްސް އިން ވަނީ އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޕެކޭޖާއި އެ ތަކެތި ބަލައި ކަސްޓަމްސްއަށް ދިޔަ 52 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންނާ ހަވާލުކޮށްފަ އެވެ.