Last Updated: April 23, 01:22
Tuesday, April 22, 2025
ޚަބަރު

އައިޖީއެމްއެޗްގެ ހިދުމަތްތައް ހަރުދަނާކުރަން މަޝްވަރާކޮށްފި

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗް އިން ދެމުންގެންދާ ޚިދުމަތްތައް ހަރުދާނާކުރުމާއި ގުޅޭގޮތުން ހެލްތު މިނިސްޓަރު އަބުދުﷲ ނާޡިމް އިބްރާހިމް އެ ހޮސްޕިޓަލްގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި މިނިސްޓަރު ނާޒިމް ދެއްކި ވާހަކައިގައި ވަނީ އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކުމަށް އޮންނަ ކިއު ކުޑަކުރުމާއި، އައިޖީއެމްއެޗްގެ ސްޕެޝެލިސްޓުން މެދުވެރިކޮށް އަތޮޅުތެރޭގައި ކުރިއަށްދާ އައުޓްރީޗް ޕްރޮގްރާމްތައް މިހާރަށްވުރެ ފުޅާކޮށް ގެންދިއުމަށް އިރުޝާދު ދެއްވާފަ އެވެ.

އަދި އައިޖީއެމްއެޗް އިން ފޯރުކޮށްދޭ ޚިދުމަތްތަކާއި އެޚިދުމަތްތަކާއި ގުޅޭ މައުލޫމާތު ވީހާވެސް ސާފުކޮށް، ރައްޔިތުން އިޙްތިރާމްކުރާ އަދި ބަލައިގަންނަ ތަނަކަށް އެހޮސްޕިޓަލް ހެދުމަށްޓަކައި ކަސްޓަމާ ކެއާގެ ޚިދުމަތް މިހާރަށް ވުރެ ރަނގަޅު ކުރުމަށް ވެސް މަޝްވަރާކުރެވިފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މީގެއިތުރުން މި ބައްދަލުވުމަށްފަހު މިނިސްޓަރު ވަނީ އައިޖީއެމްއެޗްގައި އެނދުގެ ޢަދަދު ނުވަތަ ބެޑް ކެޕޭސިޓީ އިތުރުކުރުމަށް ފަށާފައިވާ ޕްރޮޖެކްޓްގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލައްވާފަ އެވެ.

ރާއްޖޭގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް ހޮސްޕިޓަލަށް އޮތް ޑިމާންޑާ އެއްވަރަށް ޚިދުމަތްފުޅާކޮށް، އެޑްމިޓްކޮށް ޚިދުމަތްދޭ ފަރާތްތަކަށް ދެމުންދާ ޚިދުމަތް ހަރުދާނަކުރުމަށްޓައި 75 އެނދު އިތުރުކުރުމަށް ވަކި އޭރިއާއެއް އެހޮސްޕިޓަލުގައި ދަނީ ތަރައްގީކުރަމުންނެވެ.